ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާދަމާ އިން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާއިރު، ޒަރޫރީ ބޭނުންތަކުގައި ބޭރަށް ދާން ބޭނުންވާ ފަރާތްތަކުގެ ފާސްތައް މާދަމާ ހެނދުނު އަށެއްގެ ކުރިން އެސްއެމްއެސްއަކުން ލިބޭނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފާހަށް އެދޭއިރު ކަރަންޓް މީޓަރު ނަންބަރު ޖެހުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެކަމަކު ‏ބައެއް ފަރާތްތަކުން ފެންމީޓަރު ނަންބަރު ޖަހާފައި ރިކުއެސްޓް ފޮނުވާކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތަށް ފޮނުވާ ރިކުއެސްޓް ރިޖެކްޓްކުރެވޭނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ޒަރޫރީ ކަންކަމުގައި ބޭރަށް ނުކުންނަ އާންމު ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ހައުސްހޯލްޑް ޕާމިޓަށް އެދެން ޖެހެނީ ފުލުހުންގެ ޕޯޓަލްގައެވެ.

މާދަމަ އިންފެށިގެން މާލެ ސަރަހައްދު ވަނީ ފުރަބަންދުކޮށްފައެވެ. އެއްވެސް ވަގުތަކު ބޭރަށް ނިކުމެ އުޅެވޭނީ ހާއްސަ ހުއްދައަކާއި އެކުއެވެ. އެގޮތުން ކޮންމެ ގޭބިސީއަކުން ދެމީހަކަށް ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ. ކޮންމެ ފާހެއް ވެސް ދޫކުރަނީ 4 ގަޑިއިރަށެވެ. އެއީ ހެނދުނުު 8:00 އިން މެންދުރު 12:00 އަށާއި މެންދުރު 12:00 އިން 16:00 އަށެވެ.

އަދި ކާފިއު ގަޑީގައި ނޫން ގަޑިތަކުގައިވެސް، މާލެ އާއި ހުޅުމާލެ އާއި ދެމެދު ދަތުރު ކުރުން ވެސް މާދަމައިން ފެށިގެން މަނާ ކޮށްފައިވާއިރު، ކާފިއުގެ ވަގުތުތަކުގައި ޓޭކްއަވޭ ހެދުމާއި ފިހާރަތަކަށް ވަދެ ހިދުމަތް ހޯދުން ވަނީ މަނާކޮށްފައެވެ.