ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލުގެ ރައީސުން ތަމްސީލު ކުރުމަށް ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، ކ އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ނިމާލު އިންތިހާބަކާ ނުލައި ހޮވިއްޖެއެވެ.

މި މަގާމަށް ނިމާލްގެ އިތުރުން ކުރިމަތިލައްވާފައިވަނީ ނ އަތޮޅުގެ ރައީސް މުހައްމަދު ބަޝީރެެވެ. އެހެން ނަމަވެސް ނިމާލް މި މަގާމަށް ހޮވިފައިވަނީ ސުންގަނޑި ހަމަވިތާ ހަތަރު މިނެޓު ފަހުން ބަޝީރު ފޯމު ލުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ނިމާލް "ވަގުތު" އަށް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވެސް ގަޑި ޖެހިގެން ހުށަހަޅާ ފޯމުތައް ބަލައި ނުގަންނާނެ ވާހަކަ އަންގާފައި އެބަ އޮތް ކަމަށާއި އެހެން ކަމުން އޭނާއަށް އިންތިހާބު ކަށަވަރު ވެފައިވާ ކަމަށެވެ.

ނިމާލް މިހެން ވިދާޅުވެފައިވާއިރު، އީސީގެ ރައީސް އަހުމަދު ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ އެލްޖީއޭގެ މެމްބަރު ކަމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން 24 މޭ 2021 ވަނަ ދުވަހުގެ 14:00 ގެ ފަހުން ހުށަހަޅާފައިވާ ފޯމުތައް ބަަލައި ނުގަންނަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ ޓުވިޓުގައި ޝަރީފް އާއްމު ކުރި މައުލޫމާތަށް ބަލާއިރު، ބަޝީރު ފޯމު ހުށަހަޅުއްވާފައި ވަނީ 24 ވަނަ ދުވަހުގެ 14:04 މިނެޓް ގައެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިހާބު ކުރުމަށް ވޯޓުލުން އޮންނާނީ ޖޫން 12 ވަނަ ދުވަހު ކަމަށް އީސީއިން ވަނީ ބުނެފައެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އަށް ވަނަ އިސްލާހުގައި ވާގޮތުން އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލް މެމްބަރަކާއި، އަތޮޅު ކައުންސިލެއްގެ ރައީސަކާއި ރަށު ކައުންސިލުގެ މެމްބަރެއް ހިމެނެން ޖެހޭނެ އެވެ. އެ ފަރާތްތައް ކަނޑައަޅާނީ ކައުންސިލަރުންގެ މެދުގައި ބާއްވާ އިންތިހާބަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މަރްޙަބާ ނިމާލް.
    ރައްޔިތުންނަށް އިޚްލާޞްތެރި ވާނެކަމާއި މެދު ޝައްކެއް ނުކުރެވޭ

  2. Anonymous

    މަރްޙަބާ ނިމާލް.
    ތިޔަ ލިބުނީ ބޮޑު ކާމިޔާބެއް.
    އެމްޑީޕީގެ ބަޝީރުގެ ފަރުވާކުޑަ ކަން ނ. އަތޮޅު ރައްޔިތުން ނަށް ވ. ސާފް.
    ގަޑިއަށް ފަރުވާ ނުބަހައްޓާ މީހުން ދެން ރައްޔިތުންނަށް ކޮންކަމެއް ކޮންދެވޭނީ. ބަޝީރަކީ އަންނިގެ މާގާތް މީހެކޭ ކިޔާ. ލަނޑަޔާއި ވަނީ ލަނޑަޔާއިއޭ ވެސް ކިޔާ. ނ. އަތޮޅުން ބަޝީރަށް ދިން ވޯޓް ބޭކާރު ވީ. ގަޑިއަށް ފަރުވާ ކުޑަކޮށްލީ މަ އިތުބާރު ގެއްލިއްޖެ