ހުޅުމާލެއަކީ ހުޅުމާލޭގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހިތްގައިމު ސާފު އަވަށެއްގެ ގޮތުގައި ބޭއްވުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުނި ގިނަވެފައި ހުންނަ ސަރަހައްދު ސާފުކޮށް އިއްޔެ އެކަނި ވެސް 12 ޓަނުގެ ކުނި ބޭރުކޮށްފިއެވެ.

އެކޯޕަރޭޝަންގެ ފަރާތުން އެ މަސައްކަތް ކުރަން ފަށާފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ފެށިގެން 2 ހަފުތާގެ މުއްދަތަކަށް ކުރިއަށް ގެންދާ ގޮތަށެވެ.

އެޗްޑީސީން ބުނީ، ކުނި ގިނަވެފައިި ހުންނަ ސަރަހައްދުތައް ސާފުކޮށް އިއްޔެ އެކަނި ވެސް 12 ޓަނުގެ ކުނި އެއްކުރެވި އުކާލާފައިވާ ކަމަށެވެ.

މި މަސައްކަތް ކުރެވެމުން ދަނީ މި ކޯޕަރޭޝާންގެ މުނިސިޕަލް ޑިޕާޓްމަންޓުގެ މުވައްޒަފުން މެދުވެރިކޮށެވެ. ހުޅުމާލެ އަކީ ޒަމާނީ ސިޓީއެއްގެ ކުލަވަރު ޖައްސާ، ޒަމާނީ އެކި ވަސީލަތްތަކާއި އެކު ތަރައްޤީ ކުރެވެމުންދާ އަވަށެއްކަމުން، ހުޅުމާލޭގެ މާހައުލަކީ ސާފު ރީތި ތަނަކަށް ހެދުމަށް އާއްމުންގެ އެއްބާރުލުން މުހިއްމު ކަމުގައި އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެޗްޑީސީން ވަނީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާއި ކުނި މަދުކޮށް، އާއްމުން ބޭނުންކުރާ ޕާކުތައް ފަދަ ތަންތާގައި ބެހެއްޓިފައި ހުންނަ ޑަސްޓްބިން ތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުންވެސް ގޭބިސީތަކުން ކުނި އުކާލުމުގައި ވެމްކޯއިން ދެމުންގެންދާ ޙިދުމަތުގެ ބޭނުން ހިފާ، ދިރިއުޅޭ ސަރަޙައްދުތަކަށް ކުނި އުކުން މަދުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މި ފަދަ އިތުރު ޕްރޮގްރާމްތައް ކުރިއެކޭ ވެސް އެއްފަދައިން އެކި ދުވަސްތަކަށް ބަހާލާއިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އެޗްޑީސީން ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައްލު

    ތީކީ އަދި ހަ އްލެ އް ކަމަކަށް ނުބެލެވޭ. ގަވަ އިދާ ޚިލާފަށް ކުނި ޖަމާކުރުން ނުހު އްޓުވާ، ކޮންމެފަހަރަކު ރަށް ގޮޑަކަށްވީމާ ސާފުކޮށްލުމަކުން އަދިނުފުދޭ. ގަވާ އިދާ ޚިލާފުވާ ފަރާތްތަ އް ހޯދަ އި ޤާނޫނީ ފިޔަވަޅު އަޅަން އެބަޖެހޭ.

  2. ނާބެ

    އިދިކޮޅަށް ކައުންސިލް ދިނުމުން އޭގެ ފައިދާ މިފެންނަނީ މާލޭ ސިޓީ ކައުންސިލުން މާލެތެރެ ސާފުކުރަން ފެށުމުން އެތައްދުވަހެއް ވާންދެން ސާފުނުކޮތް އޮތް ހުޅުމާލެ ކުއްލިޔަކަށް ސާފުކުރަން މިފެށީ މާލޭ ސިޓީ ކައުންސިލުން ހުޅުމާލެވެަސް ސާފުކުރާނެކަން އެގުމުން ކަން ޔަގީން.