އައްސުލްތާން ހަސަން ނޫރައްދީންގެ ދަރިކަލުން މުހައްމަދު ނޫރައްދީން އަވަހާރަވީ ކޮވިޑް19 އަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ކަން އެނގިއްޖެ އެވެ.

ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ މުހައްމަދު ނޫރައްދީން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވުމަށް ފަހު މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.

އެމަނިކުފާނު އަވަހާރަވިއިރު، އުމުރުފުޅަކީ 89 އަހަރުފުޅެވެ.

މުހައްމަދު ނޫރައްދީން މެދުނުކެނޑި 53 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރުގެ ހިދުމަތުގައި ހޭދަކުރެއްވިއިރު، އެމަނިކުފާނުވަނީ ސަރުކާރުގެ ވަރަށް އިސްމަގާމުތަކެއް ފުރުއްވާފައެވެ. މުހައްމަދު ނޫރައްދީން ސަރުކާރުގެ ހިދުމަތް ފެށްޓެވީ 25 ޖުލައި 1954 ގައެވެ. ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ވުޒާރަތުލް އަވްގާފުގެ ސެކްރެޓަރީ ކަމާއި، މަހްކަމަތުލް ހާރިޖިއްޔާގެ ސެކްރެޓަރީ ކަމާއި، މީޓިއޮރޮލޮޖިކަލް އޮފީހުގެ ވެރިޔާކަމާއި، މުނިސިޕަލްޓީގެ ރައީސްގެ ނައިބު ކަމާއި، މުނިސިޕަލް ކައުންސިލަށް ދާހިލިއްޔާއިން އައްޔަންކުރި މެންބަރުކަން ހިމެނެއެވެ. އަދި ވަޒީރުލް އައުޒަމް އޮފީހުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ވަކީލު ކަމުގެ މަގާމާއި، ނައިބު ކަމުގެ މަގާމުވެސް ފުރުއްވައިފައިވެއެވެ. އޭގެފަހުން މިނިސްޓާ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމާއި، މިނިސްޓާ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމާއި، ޑެޕިއުޓީ މިނިސްޓާ އޮފް ސްޓޭޓް ފޯ ރިލިޖަސް އެފެއާޒް ކަމުގެ މަގާމުވެސް އެމަނިކުފާނު ފުރުއްވިއެވެ. މީގެއިތުރުން، ދައުލަތަށް ގިނަދުވަހު ހިދްމަތް ކުރެއްވި އިއްޒަތްތެރިއެއްގެ މަގާމުގައިވެސް ހުންނެވިއެވެ.

މުހައްމަދު ނޫރައްދީނަކީ، ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެންބަރުކަމާއި، ދ. އަތޮޅުގެ މެންބަރުކަމާއި، ގއ. އަތޮޅުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މުހައްމަދު ނޫރައްދީންގެ ބައްޕާފުޅު ހަސަން ނޫރައްދީން (ދެ ވަނަ) ރާއްޖޭގެ ރަސްކަން ކުރެއްވީ 1935 އިން 1943 އަށެވެ. ހަސަން ނޫރައްދީ ރަސްކަމަށް އިސްކުރެވުނީ އޭގެ ކުރިން ރަސްކަމުގައި ހުންނެވި ސުލްތާން މުހައްމަދު ޝަމްސުއްދީން (ތިން ވަނަ) ރަސްކަމުން ދުރުކުރުމާއި ގުޅިގެން ފެބްރުއަރީ 21، 1935 ގަ އެވެ. ރަސްކަމަށް ކޮލި ލެވުނީ ޖުލައި 21، 1938 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަދުރޭ

    ރަސްކަލަކަސް، އަމީރަކަސް، ވަޒީރަކަސް، މަސައްކަތު މީހާއަށް މަރު އެއީ ޔަޤިން ކަމެކޭ!!!
    އަންނިއަކަށް، ކިނބުލަކަށް މިކަން ނުހުއްޓުވޭނެއޭ!

  2. ނޭފަރު

    20ޑަކުޓަރު 30ނަރުސް ސަލާމަތްވީ

  3. ބީރުމީހާ

    މަރުހޫމާއަށް ފާފަ ފުއްސަވާށި
    މިހާރު މުސްކުޅިވެ އެނދުމަތިވެފަ ހުރި މީހެއްވިއްޔާ ފައްސި ސަބަބަކީ ކޮބާ ފަރުދީ ޒިންމާގެ ފަރުވާ ކުޑަކަން މީން އެގެނީ އޮފީހުގައި ނޫނީ ފިހާރަތަކުގައި ތެޅިތެޅފައި މާމަކާފަ ކައިރިޔަށް އަދި ނުވިތާކަށް ހޮޓާތަކުގައިވެސް ދެން މި ކުއްވެރިވަނީ މައިމޫނާ ނޫނީ އިބޫ