ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކާއި ގުޅިގެން، މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)އިން މާލެ ސަރަހައްދުގައި ދެމުންގެންދާ ބަހުގެ ހިދުމަތް މެދުކަނޑާލަން ނިންމައިފިއެވެ.

ކޮވިޑާއި ގުޅިގެން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއެކު، މާލެ ސަރަހައްދުގައި އެއްފަހަރާ ގިނަބަޔަކަށް ބޭރުގައި ނޫޅެވޭނެއެވެ. އަަދި ހަވީރު 16:00 އިން ހެނދުނު 8:00 އަށް ކާފިއު އިއުލާނުކޮށްފައިވައިރު، އެ ނޫން ގަޑިތަކުގައި ބޭރުގައި އުޅެވޭނީ ހުއްދަ ނަގައިގެންނެވެ.

އެމްޕީއެލް އިން ކުރި އިއުލާނެއްގައިވަނީ، މާލެ ސަރަހައްދުގައި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އެ ކުންފުނިން ދެމުންގެންދާ ބަހުގެ ހިދުމަތް މާދަމާއިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލަފައިވާ ކަމަށެވެ.

އެހެން ނަމަވެސް ހުއްދަ ދީފައިވާ ފަރާތްތަކާއި، ވަޒީފައަށް ދާ ފަރާތްތަކަށް ބަހުގެ ހިދުމަތް އޮންނާނެ ކަމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.

ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނީ، އެ ބަލީގައި ގިނަ ބަޔަކު ނިޔާވެ، އެތައް ބަޔަކު އެ ބައްޔަށް ފައްސިވަމުން ދާތީއެވެ. އެގޮތުން މާލެ ސަރަހައްދުގައި މިހާރު ކޮންމެ ދުވަހަކުވެސް 1000 އަށްވުރެ މަތީގައި ފައްސި ވޭދަނައްް އުޅެއެވެ. އަދި އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް މަތިވެ، މިހާރު އެއް ދުވަސް ތެރޭގައި 13 މީހަކު ނިޔާވެ ރެކޯޑްވެސް ވަނީ ހަދާފައެވެ.