މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރާގައި، ބައެއް ރަށްތަކުގައި ފެންބޮޑުވަމުންދާ ކަމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް ވިދާޅުވެފައި ވަނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންްވާ ކަމަށެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވިދާޅުވެފައި ވެއެވެ.

ރަށްތަކުގައި ފެންބޮޑުވެގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ -ފޮޓޯ: އެމްއެންޑީއެފް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަގައި ބައެއް ރަށްތަކުގައި ފެންބޮޑުވެ، ބައެއް ރަށްތަކުގައި ގެތަކަށް ދަނީ ފެންވަމުންނެވެ.

އެގޮތުން އެމްއެންޑީއެފް އިން ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. އުލިގަމުގެ ބައެއް މަަގުތަކުގައި ފެންބޮޑުވުމާއި، ގުޅިގެން ފެންޕަމްޕް ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުން ދަނީ ކައުންސިލާއި ގުޅިގެން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވަނީ، މި ވިއްސާރާގައި ނައިފަރުގައިވެސް ފެންބޮޑުވެފައިވާކަން ހާމަކޮށްފައެވެ. އެގޮތުން އެރަށުގައިވެސް މިހާރު ޕަންޕް ބޭނުންކޮށްގެން ފެންހިދުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފައެވެ.