އައްޑޫސިޓީން އިތުރު 15 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ 18:00 އާއި ހަމައަށް އެސިޓީން އިތުރު 15 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މި 15 ވޭދަނަތައް ފެނިފައިވަނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ހުޅުދޫއިންނެވެ. ހިތަދޫއަށް ބަލާއިރު، އެރަށުން ފަސް މީހަކު ވަނީ ފައްސިވެފައެވެ. އަދި މަރަދޫއިން ހަތަރު މީހަކާއި، މަރަދޫފޭދޫން އެކެއް އަދި ހުޅުދޫއިން ފަސް މީހަކު ވަނީ ފައްސިވެފައެވެ.

މިއާއި އެކީ ހިތަދޫގައި ކޮވިޑްގެ 106 އެކްޓިވް ވޭދަނަ އުޅޭއިރު، ފޭދޫގައި 10 ވޭދަނަ، ހުޅުދޫގައި 52 ވޭދަނަ އަދި މީދޫގައި ހަތް ވޭދަނަ، މަރަދޫގައި 10 ވޭދަނަ އަދި މަރަދޫފޭދޫގައި ދެ ދޭވަނަ އެބަ ތިއްބެވެ.

އައްޑޫގައި މިވަގުތު މި ބަލި ޖެހިފައި ތިބި 190 މީހަކު ތިބި ކަމަށް އެސެންޓަރުން ވަނީ ބުނެފައެވެ.

އައްޑޫއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 47 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ހަތަރު މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެސިޓީން މި ބަލި ޖެހިގެން އެކަކު ވަނީ ނިޔާވެފައެވެ.

އައްޑޫސިޓީގައި ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރެމުން އަންނާތީ އެޗްޕީއޭއިން ވަނީ ހަވީރު 16:00 އިން ފެށިގެން ފަތިހު 4:00 އަށް އެސިޓީގައި ކާފިއު އިއުލާނުކޮށް، ބައެއް ފިޔަވަޅުތައް އަޅާފައެވެ.

އެސިޓިގައި މީގެ ކުރިން ކާފިއު ހިންގާފައިވަނީ ހަވީރު 18:00 އިން ފެށިގެން ފަތިހު 4:00 އަށެވެ.