ގދ. ތިނަދޫއިން އިތުރު 17 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ސައީދު "ވަގުތު" އަށް ވިދާޅުވީ، އިތުރު 17 މީހަކު ފައްސިވެ ރަށުން ފައްސިވި މީހުންގެ އަދަދު 170 އަށް އަރާފައިވާ ކަމަށެވެ.

170 މީހަކު މިހާތަނަށް ފައްސިވި ނަމަވެސް، މިވަގުތު އެކްޓިވް ކޮށް އުޅެނީީ 98 ވޭދަނައެއް ކަމަށް ސައީދު ވިދާޅުވިއެވެ.

މިއީ ދެވަނަ އަށް އެންމެ ގިނަ މީހުން އެރަށުން ފައްސިވެފައިވާ ދުވަހުއެވެ. އެންމެ ގިނަ މީހުން އެއް ދުވަހެއްގެ ތެރޭގައި ފައްސިވެފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އެދުވަހު އެރަށުން 22 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ތިނަދޫއަކީ ހުވަދު އަތޮޅަށް ބަލާއިރު، ކޮވިޑް-19ގެ ހާލަތު އެންމެ ގޯސްވެފައިވާ އެއް ރަށެވެ.

ތިނަދޫގައި ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރެމުން އަންނާތީ ސަރުކާރުން ވަނީ 12 ގަޑިއިރުގެ ކާފިއުއެއް އެރަށުގައި އިއުލާނު ކޮށްފައެވެ. މި ކާފިއު ހިންގަމުން އަންނަނީ ހަވީރު 16:00 އިން ފެށިގެން ފަތިހު 4:00 އަށެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި ކޮވިޑް-19 ފެތުރެމުން އަންނާތީ ސަރުކާރުން ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގައި ވެސް ކާފިއު ހިންގުމަށް ނިންމާފައެވެ. އެގޮތުން ބަލާއިރު، މިހާތަނަށް 70 އާއި ގާތްކުރާ އަދަދަކަށް ރަށްތައް މިވަގުތު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ......

    ކޮވިޑްއާއި ގުޅިގެން ރާއްޖޭގެ ހާލަތު ގޯސް ވެގެން ދިއުމުގައި އެތައް އިހްމާލެއްވާކަމީ އެންމެންވެސް ގަބޫލު ކުރާކަމެކެވެ...ގިނަ ބަޔަކު ދައްކާ އުޅޭ ވާހަކަ އެކެވެ...ނަމަވެސް މިފަދަ ހާލަތުގައި ދެންވެސް ކުރިޔަށް ދާންވީ ގޮތެއްގެ ވާހަކަ ދެއްކުން މާ ހެޔޮވެގެން ވެއެވެ...އެކަކު އަނެކަކު ނުބައި ކުރުމުގައިހުރިހާ ވަގުތެއް ހޭދަނުކޮށް ކުރެވެން ހުރި ކަމެއް މިކަމުން ސަލާމަތްވުމަށް ކުރަމާ ހިނގާށެވެ...