ރާއްޖެ އިން މިއަދު އިތުރު 1004 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 835 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 153 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 12 އަދި ސަފާރީތަކުން ހަތަރު މީހުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 4030 މީހުންނެވެ. މިއަދަކީ ފާއިތުވި ހަދުވަސް ތެރޭގައި ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ. މިއަދު ކޮވިޑަށް ޓެސްޓްކުރި މީހުންގެ ތެރެއިން %24.91 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު ފައްސިވި މީހުންގެ ތެރޭގައި 240 ކުޑަކުދިންނާއި، 65 އަހަރުން މަތީގެ 41 މީހަކު ހިމެނެއެވެ.

ރާއްޖެއިން މިއަދު ފައްސިވި މީހުންނާއެކު، އެ ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 58،345 އަށް އަރާފައެވެ. އޭގެ ތެރެއިން 24،033 މީހަކީ މިވަގުތު ބަލި ޖެހިފައި ތިބި މީހުންނެވެ. އޭގެ ތެރެއިން 289 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ.

މިވަގުތު ރާއްޖޭގައި 78 ރަށެއް އޮތީ އަރާ ފޭބުން މަނާ ކޮށްފިއެވެ.

މިއަދު މިއީ ފާއިތުވި ނުވަ ދުވަސް ތެރޭގައި އެންމެ މަދުން ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވެފައި ވަނީ ދެ މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 144 އަށް އަރާފައެވެ. އޭގެ ތެރެއިން 96 މީހުން ނިޔާވެފައި ވަނީ މި އަހަރެވެ. މީގެ ތެރޭގައި ހިމެނެނީ 128 ދިވެހިންނާ 16 ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޚިޔާލު 3

    ވެރިންނާ ސިއްހީ ދާއިރާގެ ބޭފުޅުންނާއި ސިޔާސީ ލީޑަރުންގެ ފެންވަރާ ފަންވަރާއި އިޚްލާސްތެރިކަމާއިއެކު މަސައްކަތް ކޮށްފިނަމަ، ދުވާލަކަށް ޓެސްޓްކުރެވޭ މިންވަރާއި ނެރެވޭނެ ނަތީޖާއި ބަލިމަޑުކަމުން ގެއްލޭ ފުރާނަތަށް މަދުކޮށް އިގްތިސާދު ކޮޅަށްޖެހުމަކީ ﷲ ގެ ރަޙްމަތާއކު ދިވެހިންނަށް މާ ރަގަޅަށްވެސް ކުރެވޭނެކަމެކެވެ، ބޭނުންވަނީ ފިކުރަކަށް ބެލުމެއްނެތި ގައުމަށްޓަކައި ޖާނާއި މާލުން ގުރުބާންވާން ފަސްނުޖެހުމެވެ.