ރާއްޖެއިން އޯޑަރު ކޮށްފައިވާ އިންޑިއާގެ ކޮވިޝީލްޑް ވެކްސިން އަދި ލިބޭނޭ ދުވަހެއް ނޭނގޭތީ ރަޝިޔާއިން އުފައްދާފައިވާ "ސްޕަޓްނިކް ވީ" ވެކްސިންގެ ޝިޕްމެންޓެއް ރާއްޖެ ގެންނަން ސަރުކާރުން ނިންމައިފިއެވެ.
ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރަޝިޔާއިން އުފައްދާފައިވާ ވެކްސިންގެ 200،000 ޑޯޒް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިހާރު އެކަން އޮތީ އެގްރީމެންޓުގައި ސޮއިކުރުމުގެ މަރުހަލާގައި ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ، ސޮއިކުރާތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެކްސިންގެ ޝިޕްމަންޓް ރަޝިޔާއިން ރާއްޖެ ފޮނުވާނެ ކަމަށެވެ. ނަސީމް ވިދާޅުވީ، ރަޝިއާގެ ވެކްސިން ގެންނަން ނިންމާފައިވަނީ ކުރިން ހީކުރި ގޮތާއި ހިލާފަށް ޖޫން މަހުގެ ކުރީކޮޅު ކޮވިޝީލްޑް ވެކްސިން ރާއްޖެއަށް ލިބޭނެ ކަމުގެ އުއްމީދު ނެތުމުން ކަމަށެވެ.
މި ބައްދަލުވުމުގައި ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގައި ހުރި ވެކްސިންގެ ސްޓޮކް އަންނަނީ މަދުވަމުން ކަމަށާއި ކޮވިޝީލްޑްގެ 2 ލައްކަ ޑޯޒް އާއި ސިނޯޕާމްގެ 1 ލައްކަ ޑޯޒް ގަތުމަށް އެ ކުންފުނިތަކާއި އެގްރިމެންޓް ހަދާފައިވާ ކަމަށެވެ.
އެހެން ނަމަވެސް ދުނިޔޭގައި މިވަގުތު ކޮވިޑްގެ ހާލަތު އޮތް ގޮތުން މިވަގުތު އެ ވެކްސިންތައް ލިބުމުގައި ދަތިުތަކެއް ހުރި ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
ރާއްޖެއަށް މިހާތަނަށް ކޮވިޝީލްޑްގެ ވެކްސިންގެ 2 ލައްކަ އިންޑިއާއިން ހަދިޔާ ކޮށްފައިވާއިރު، ކޯވެކްސް ފެސިލިޓީން 12،000 ޑޯޒު ކޮވިޝީލްޑް ވެކްސިން ވަނީ ހަދިޔާ ކޮށްފައެވެ.
މީގެ އިތުރުން އެވެކްސިންގެ އެއްލައްކަ ޑޯޒު ސަރުކާރުން ގަނެފައިވާއިރު، ސިނޮފާމް ވެކްސިންގެ ދެ ލައްކަ ޑޯޒު ޗައިނާއިން ހަދިޔާ ކޮށްފައިވެއެވެ. އަދި ކޮވެކްސް ފެސިލިޓީން ވަނީ ފައިޒާ ވެކްސިންގެ 5،850 ވެކްސިން ވެސް ރާއްޖެއަށް ހަދިޔާ ކޮށްފައެވެ.
ރާއްޖެއަށް ވެކްސިންގެ 4 ލައްކައަށް ވުރެ ގިނަ ވެކްސިން ޑޯޒު ލިބިފައިވާއިރު، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބަށް ބަލާއިރު، މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒު 300،000 އަށްވުރެ ގިނަ މީހުން ވަނީ ޖަހާފައެވެ.
ދެން ކޮވިސީލްޑް ފުރަތަމަ ޑޯޒު ޖަހައި ދެވަނަ ޑޯޒު ނުޖެހި ތިބިމީހުންނަނައް ހަދަނީ ކިހެނެއްތޯ. މިހާރުވެސް ފުރަތަމަ ޑޯޒްގެ މުއްދަތުހަމަވެ ވެކްސިން ނުޖެހި މަކަށްވުރެ ގިނަ ދުވަސްވެއްޖެ.
ކޮވިޝީޑު ފުރަތަމަ ޑޯޒު ޖެހި މީހުންތިބޭނީ އިންޑިޔާގެ ކޮވިޑުގެ ޙާލަތުރަނގަޅުވެ އެޤައުމުން ވެކްސިން ފޯރުކޮށްދިނުމުން ޖަހަން މަޑުކޮށްގެން ތިބޭނީ.
ރަގަޅު ކަމިޝަނެއް ލިބޭނެ ދޮއްތޯ؟