ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައި ގަދަވެ، އުދަ އަރާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.

ރީނދޫ ސަމާލު ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން މ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް 28 މޭލާޢި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވެ، އުދަ އަރާފާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ރީނދޫ ސަމާލު ނެރެފައި ވަނީ މެންދުރުފަހު 14:00 އާއި ހަމައަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް އުތުރުގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި އެހެން ހިސާބުތަކަށް މެންދުރުފަހު ކެރީގެ އަސަރު ފޯރާ ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

މިއަދާއި ހާދަމާ ވެސް ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 18 މޭލާއި 28 މޭލާ ދެމެދުގެ ބާރުމިނުގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެެންވެއެވެ.

ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 4 ފޫޓާއި 8 ފޫޓާއި ދެމެދުގައި ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.