ކޮވިޑް-19 އާ ގުޅިގެން މިއަދުން ފެށިގެން މާލެ ސިޓީ ލޮކްޑައުންކޮށްފައިވާތީ، މާލޭގެ މަސްވެރި އުޅަނދުފަހަރު ގައި މަހަށް ފުރާ ފަރާތްތަކަށް ހާއްސަ ހުއްދައެއް ދޫކުރަން ސިޓީ ކައުންސިލުން ފަށައިފިއެވެެ.

މި ހުއްދަ ސިޓީ ކައުންސިލުން މިހާރުން ފެށިގެން ދޫކުރަމުންދާނެއެވެ. މަހަށްދާން ހުއްދަ ދޫކުރިކަމުގައިވިޔަސް ކޮންސްޓްރަކްޝަން އަދި އެހެނިހެން މަސައްކަތްތައް ކުރުމުގެ ހުއްދަ ދޫކުރުން ޖޫން މަހުގެ ނުވައެއްގެ ނިޔަލަށް ވަނީ މެދުކަނޑާލާފައެވެ.

ނަމަވެސް މި މުއްދަތު ތެރޭގައި، ފައުންޑޭޝަން އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކާއި ކޮނުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާ ސައިޓްތައް އަދި ސްލެބް އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކުގެ އިންސްޕެކްޝަނެއް ހެދުމަށްފަހު ގެއްލުމެއް ލިމިދާނެފަދަ ހާލަތެއްގައިވާ ސައިޓެއްނަމަ އެ ސައިޓްތަކަށް ހާއްސަ ހުއްދައެއް ދޫކުރުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

އެޗްޕީއޭއިން ވަނީ މާލޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މިއަދުން ފެށިގެން ކޮންމެ ވަގުތަކު ބޭރަށް ނިކުމެ އުޅެވޭނީ ހާއްސަ ހުއްދައަކާއި އެކުއެވެ. އެގޮތުން ކޮންމެ ގޭބިސީއަކުން ދެމީހަކަށް ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ. ކޮންމެ ފާހެއް ވެސް ދޫކުރަނީ ހަތަރު ގަޑިއިރަށެވެ. އެއީ ހެނދުނުު 8:00 އިން މެންދުރު 12:00 އަށާއި މެންދުރު 12:00 އިން 16:00 އަށެވެ.

އަދި ކާފިއު ގަޑީގައި ނޫން ގަޑިތަކުގައިވެސް، މާލެ އާއި ހުޅުމާލެ އާއި ދެމެދު ދަތުރު ކުރުން ވެސް މިއަދުން ފެށިގެން މަނާވާނެއެވެ.