މާފަންނު ބޮޑުގޭގައި އޮތް ހުސްބިމުގައި ހަދާ ޕާކިން ޒޯނުގައި ރާއްޖޭގެ ރީތިކަމާއި އިސްލާމީވަންތަކަން ރަމްޒުކޮށްދޭ ކުރެހުމެއް ހިލޭ ސާބަހަށް ކުރަހައިދޭނެ ފަރާތެއް ހޯދަން ނިންމި ނިންމުން ބަދަލުކޮށް ކުރަހައިދޭ ފަރާތަށް އަގެއްދޭ ގޮތަށް މިހާރު ނިންމައިފިއެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މަންޒަރު ހިލޭ ސާބަހަށް ކުރަހައިދޭން ޝައުގުވެރިކަން އޮތް ފަރާތެއްވާ ނަމަ އޭނާއަށް ޓްވިޓާ މެދުވެރިކޮށް މެސެޖް ކޮށްދެއްވުމަށެވެ.

އެކަމާ ގުޅިގެން ބައެއް ފަންނުވެރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މި ގޮތުން ފަންނުވެރިންގެ އެފަދަ މަސައްކަތަކީ އަގުހުރި މަސައްކަތެއް ފާހަގަކޮށް، އަގެއް ދިނުމަށް ގިނަ ބަޔަކު މީސް މީޑިއާގައި މޭޔަރަށް އެދެމުން ދިޔައެވެ.

މޭޔަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަންނުވެރިންގެ ކަންބޮޑުވުންތައް ގަބޫލު ކުރައްވައި އެ ކަން ކޮށްދޭ ފަރާތެއް އަގެއް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަގެއް ދެވޭ މަސައްކަތަކަށް ވާތީ، އޮންނަ އުސޫލުގެ ތެރެއިން ބިޑަށް ހުޅުވާލާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ހިލޭ ސާބަހަށް އެ ކަން ކޮށްދޭނެ ފަރާތެއް ހޯދަން ކުރިން އިއުލާން ކުރީ އެއްވެސް ހާލަތެއްގައި ފަންނުވެރިންގެ އަގު ވަޒަން ނުކުރުމުގެ ނިޔަތަކު ނޫން، އަދި މި ދަނޑިވަޅުގައި ފަންނުވެރިންނަށް ކުރިމަތިވެފައިވާ ހާލަތު އަޅުގަނޑަށް ވެސް ވިސްނޭ،" މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު މުއިއްޒު ކުރިން ކުރެއްވި ޓްވީޓާ ގުޅިގެން ފަންނުވެރިންނަށް އަގެއް ދެވޭ ގޮތަށް އެ މަސައްކަތް ހުޅުވައި ދޭން އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ވެސް އެދިވަޑައިގަތެވެ. އަދި ކޮވިޑް-19 ގެ މި ހާލަތުގައި ފަންނުވެރިން ވެސް ތިބީ މާލީ ގޮތުން ވަރަށް ދަށްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެ ސަރުކާރެއްގައި ހަތް އަހަރުގެ މުއްދަތަކަށް ހައުސިން މިނިސްޓަރު ކަން ކުރެއްވި މުއިއްޒު މޭޔަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އޭނާ ގެންދަވަނީ ސިޓީ ކައުންސިލްގެ ގިނަ ކަންކަމަށް ރަނގަޅު ބަދަލުތަކެއް ގެނެސް ރައްޔިތުންގެ އަތުން ނަގާ ގިނަ ފީތައް ވެސް ކުޑަކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތިރިބެ

    އިސްލާމީވައްތަ ވަނީ ކުރެހުމުންތަ ނުވަތަ އަމަލުންތަ

    1
    1
  2. ޙާކިމާ

    ދެކަމުންްވެސް ވޭ.
    އިސްލާމް ދީން
    އިސްލާމީ ތާރީޚު
    އިސްލާމީ ޘަޤާފަތް
    އިސްލާމީ ޙަޟާރަތު
    އިސްލާމީ ތަޞައްވުރު
    އިސްލާމީ ޢިލްމު
    މިހާވަރުން ވާނެތޯ.

  3. ހާމަ

    ތިޔަ ހާމަވަނީ މުއިއްޒުގެ ފެންވަރު. އިސްލާމީ ކަމެއްވީމަ އަގެއް ނުހުރޭ. ބިޑަށް ހުޅުވައިފިއްޔާ ރިޝްވަތު ނަގާނެ. އިސްލާމީ ކުރެހުމޭ ކިޔާފަ ކުރަހާނީ ލާދީނީންގެ ކުރެހުންތައް. ތިޔަ ކަންތައް ހެޔޮ މަގަކުން ނުދާނެ.

    1
    7
  4. ޚިޔާލެއް

    އެކި ދިމަދިމާލުގައި ދީނީ ޝިޢާރު ހިމެނޭ ބޯރޑްތައް ބެހެއްޓުމަކީވެސް ރަނގަޅު ކަމަކަށްވެދާނެ.
    އަދި ރާއޖެއަކީ ޢައިރު މުސްލިމުން ގިނައިން އަންނަ ގަވްމަކަށްވުމުން އެމީހުނަށް ޚާއްސަކޮށްގެން އެމީހުން ގިނައިން އުޅޭ ސަރަޙައްދުގައި އިސްލާމީ ދަޢުވަތާއިގުޅޭ ބޯރޑްތައް ބެހެއްޓުމުން އެއީ ބަޔަކުމީހުން ލޯހުޅުވުމަށް ކޮށޭ މަގެއް.