ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި 55% ގައިދީން، ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފިއެވެ.

ކޮމިޝަނަ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު ޓްވިޓާގައި ހިއްސާކުރައްވާފައިވާ ޖަލުގެ، ކޮވިޑް-19 އެންމެ ފަހު މައުލޫމާތުތައް ދައްކާ ގޮތުން ޕްރިޒަންސް ގައި މަސައްކަތްކުރާ 99 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 42 އިންސައްތަ މުވައްޒަފުން ވަނީ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ. ޖަލުން މިހާތަނަށް 26 ގައިދީއަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އެހިސާބުތައް ދައްކާގޮތުން ކަރަންޓީނުގައި 59 ގައިދީއަކު އެބަތިއްބެވެ. ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރޭގައި ބަލި ފެތުރި 51 މުވައްޒަފަކު ވަނީ މިހާތަނަށް ފައްސިވެފައެވެ. ކަރަންޓީނުގައި މި ވަގުތު 110 މުވައްޒަފަކު އެބަތިއްބެވެ.

ދިރާސާތަކުން ދައްކާ ގޮތުން އެންމެ ބޮޑަށް ކޮވިޑް ފެތުރޭ ތަންތަނުގެ ތެރޭގައި ޖަލު ހިމެނެއެވެ. ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ޖަލުގައިވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ވަނީ ބޮޑު ތަނުން މައްޗަށް ޖެހިލާފައެވެ.

މި ފަހަކަށް އައިސް ދުވާލެއްގެ މައްޗަށް ހާހަކަށްވުރެ ގިނަ ކޭސްތައް ދަނި ރިޕޯޓް ކުރެވެމުންނެވެ. އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ބަލި ކޮންޓްރޯލްކުރަން ފިޔަވަޅުތަކެއް އެޗްޕީއޭއިން އަޅަމުން ދިޔަނަމަވެސް ފައްސިވާ ރޭޓް ދަށެއް ނުވެއެވެ. ކުރިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް މިއަދުން ފެށިގެން ހުއްދައާ ނުލައި ބޭރަށް ނުދެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ޒަރޫރީ ބޭނުންތަކުގައި ބޭރަށްދެވޭނީ ފުލުހުން ދޫކުރާ ހުއްދާއާ އެކުގައެވެ.