ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު މެނޭޖް ކުރުމަށް ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ކޯލް ސެންޓަރުގައި މާލެ ސިޓީގެ އަންހެނުންގެ ކޮމިޓީގެ މެންބަރުން ހަރަކާތްތެރިވާ ގޮތަށް ހަމަޖައްސައިފިއެވެ.

މި ކަން އިއުލާން ކުރައްވައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑްގެ ހާލަތުން މާލެ ސަލާމަތްކޮށް ދިމާވާ ކަންކަމަށް އެޓެންޑް ވުމުގެ ގޮތުން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ކޯލް ސެންޓަރުގައި އަންނަ ކޯލްތަކަށް ޖަވާބު ދެއްވުމުގައި ހަރަކާތްތެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މި ދަނޑިވަޅުގައި އާންމުންގެ ފޯނު ކޯލުތަކަށް އެޗްއީއޯސީން ޖަވާބު ދެވޭލެއް ލަސްވުމުންނާއި ނަގާ ސުންކުތަކުގެ ނަތީޖާ ލަހުން ލިބޭ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފައެވެ. އަންހެނުންގެ ކޮމިޓީގެ މެންބަރުން ކޯލް ސެންޓަރުގައި ހަރަކާތްތެރިވާ ގޮތަށް ހަމަޖެއްސީ، ކޯލް ސެންޓަރުތަކުން ފޯން ނުނަގާ ކަމުގެ ޝަކުވާތައް ގިނަވެފައި ވަނިކޮށެވެ.

ކޮވިޑް-19 ގެ ހާލަތު ގޯސްވެ ބަލިމަޑުކަމުގެ ވޭދަނަތައް ދަނީ އިތުރުވަމުންނެވެ. މި މެއި މަސް ފެށުނު ފަހުން ކޮންމެ ދުވަހަކު 1،000 އެއްހާ މީހުން ބައްޔަށް ފައްސިވެއެވެ. މާލޭގައި ވެސް ބަލި ފެތުރުން އިތުރުވެ ކާފިއު ވަގުތު އިތުރުކޮށް "ފުރަބަންދު" ގައި އަމަލުކުރާ ވަރަށް ފިޔަވަޅުތައް ހަރުކަށިކޮށްފައިވެއެވެ.

ފަހަކަށް އައިސް ބަލީގައި ނިޔާވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު ނިޔާވީ ވެސް މި މަހުގައެވެ. ނިޔާވި މީހުންގެ ގާތްގަނޑަކަށް ދެބައި ކުޅަ އެއްބައި މީހުން ނިޔާވީ މި މަހުގައެވެ.

ކޮވިޑްގެ ހާލަތު ގޯސްވެގެން ދިޔައީ ސަރުކާރަށް ހާލަތު މެނޭޖް ނުކުރެވުން ކަމަށް ބުނެ ގިނަ އާންމުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިތުރަށް ހާލަތު ގޯސްވެގެން ގޮސްފިނަމަ ފަރުވާ ދެވޭ ވަރަށް ސިއްޚީ ޚިދުމަތްތެރިން ވެސް ނެތުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސިއްޚީ މާހިރުން ދަނީ އެދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަގުމްރީބެ

    މުއީޒޫ ، ތިޔަ އެޗް.ޕީ .އޭ / ޑޮކްޓަރުންގެ ޓީމް އެބަޖެހޭ ތިޔަ ކުރާ ވައްކަން ބަލަން ، ޓެސްޓް ކިޓުތައް އެބަޖެހޭ ޓެސްޓްކޮށްލަން ތީގައި މައްސަލައެއް އުޅޭތޯ ބަލަން ، ރައްޔިތުން މި ތިބީ ވާނުވާ ނޭންގިފައި އަތްމަތި ހުއްޓިފައި / ފައިސާ ނެތިފައި މި ރީނދޫ ޕާޓީ ވެރިކަމަށް އައިފަހުން ހަމަ ޖެހިލާނެ ވަގުތެއް ނުލިބޭ

    • ޢަހޫ

      މުއީޒޫ ކައިރީބުނެބަލަ ޔާމީނު ކައްވާލި ލާރިކޮލުވެސް އަވަހަށް ރައްދުކުރުމަށް.