ސަރުކާރުން މިއަދު އިއުލާން ކުރި "ނެޓް އަގުހެޔޮ" ސިޔާސަތުގެ ދަށުން ބްރޯޑްބޭންޑް އިންޓަނެޓްގެ އަގު ހެޔޮ ވާނީ ޖުލައި މަހުގައި ކަން ހާމަކޮށްފިއެވެ.

އިންޓަނެޓުގެ އާ އަގުތައް އިއުލާން ކުރުމަށް އޮންލައިންކޮށް ރަސްމިއްޔާތެއް ބޭއްވި އިރު، އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ހަމަޖެހިފައި ވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފޭސްގައި ފިކްސްޑް ބްރޯޑްބޭންޑް ދެ ސާވިސް ޕްރޮވައިޑަރުން ވެސް 2021 ވަނަ އަހަރުގެ ޖުލައި މަހު އަގުތައް %28 - %30 އަށް ދަށްކުރުމަށް ނިންމާފައިވާ ކަމަށެވެ.

މޯބައިލް ބްރޯޑްބޭންޑްގެ އަގު ހެޔޮ ކުރުމަށް ހަމަޖެހިފައި ވަނީ ދެވަނަ ފޭސްގައެވެ.

ފިކްސްޑް ބްރޯޑްބޭންޑްގެ އަގަށް ގެނައި ހެޔޮ ބަދަލުތައް:

 • 30 ޖީބީގެ ޑޭޓާ 250ރ. އަށް، 5 އެމްބީޕީއެސް ސްޕީޑްގައި (ތްރޮޓޮލް ސްޕީޑް: 2 އެމްބީޕީއެސް)
 • 100 ޖީބީގެ ޑޭޓާ 500ރ. އަށް، 15 އެމްބީޕީއެސް ސްޕީޑްގައި (ތްރޮޓޮލް ސްޕީޑް: 5 އެމްބީޕީއެސް)
 • 200 ޖީބީގެ ޑޭޓާ 700ރ. އަށް، 25 އެމްބީޕީއެސް ސްޕީޑްގައި (ތްރޮޓޮލް ސްޕީޑް: 5 އެމްބީޕީއެސް)

އެކި ފޭސްތަކަށް ބަހާލައިގެން އަގުތައް ދަށްކޮށް ހިދުމަތަށް ބަދަލު ގެންނެސް ނިމޭއިރު 60-70 އިންސައްތަ އަގުހެޔޮ ވާނެއެވެ.

އިންޓަނެޓަކީ މިއަދު ދިރިއުޅުމުގެ އެއްބަޔަށް ވެފައިވާ އިރު، އިންޓަނެޓަކީ އަސާސީ ހިދުމަތެއް ކަމަށް ބަލައި ކޮންމެ ރައްޔިތަކަށް ވެސް ފަސޭހަ އިން އެކަށީގެންވާ ފެންވަރެއްގައި އަދި އަގެއްގައި އިންޓަނެޓު ލިބޭނެ ޕެކޭޖް ތައާރަފް ކުރުމަކީ ސަރުކާރުގެ އަބަދުވެސް ވިސްނުމެކެވެ.

ޓެކްނޮލޮޖީ މިނިސްޓްރީން ވިދާޅުވީ އާދައިގެ މިންވަރަކަށް އިންޓަނެޓު ބޭނުން ކުރާ މީހުންނަށާއި ސްކޫލް ކުދިންގެ ވީޑިއޯ ކޮންފަރެންސިން އަށާއި އައިސީޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށް އިންޓަނެޓު ޕެކޭޖްތަކެއް މި ސިޔާސަތުގެ ދަށުން ތައާރަފް ކުރާނެ ކަމަށެވެ.

ޓެކްނޮލަޖީ މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އިންޓަނެޓުގެ ދައުރު ބޮޑެވެ. އަދި ލާމަރުކަޒީ ނިޒާމެއް އެންމެ ފުރިހަމަ އަށް ގާއިމު ކުރެވޭނީ އިންޓަނެޓުގެ ހިދުމަތް ފުޅާވެ ހަރުދަނާވެގެން ކަމަށް ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާ އިންޓަނެޓާ ގުޅިފައިވާ އިރު ޓެލެމެޑިސިން އާއި ޓެލެކްލާސް ފަދަ ހިދުމަތްތައް މުޅި ރާއްޖެ އަށް ފޯރުކޮށްދިނުމުގައި ފެންވަރު ރަނގަޅު އިންޓަނެޓުގެ ހިދުމަތް މުޅި ރާއްޖެ އަށް ބޭނުންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކިބޫ

  ނިކަމެތިން ބޭނުންކުރާނީ މޮބައިލް އިންޓަނެޓް......ނަމަވެސް ނެތް ވީކަމެއް................ވަޢްދު ފުއްދަނީ މޮޔައަކު ބޯބާލާހެން.........

  9
  3
  • ގަމާރު

   "އަމާ ބުނީތީ ފަރަށް، ބަފާ ބުނީތީ ދަރަށް" ދާހެން ވައުދު ފުއްދީ ނުން ސުލޯލިހު؟

   2
   1
  • މޮޔަ

   މޮޔަޔަކު ބޯބާލަނީ ކިހިނެތް؟

 2. އަހްމަދު

  2023 ޖުލައިގެ ދޯ!

 3. ސަރީ

  ސާބަހޭ އަދި 2 މަސް ފަހުން!!އެންމެ އަގު ހެޔޮ ޕެކޭޖް 250 ވީމަ ބޮޑު 150 ވަރުގެ ޕެކޭޖެއް އިންނަނަމަ ދޯ