ސަރުކާރުން މިއަދު އިންޓަނެޓްގެ އަަގަށް ގެނައި ބަދަލުތަކަކީ ސައިންސް އެންޑް ޓެކޮނޮލޮޖީ މިނިސްޓަރު ކަމުގައި މުހައްމަދު މަލީހު ޖަމާލް ހުންނެވިއިރު ރައީސް އޮފީހަށް ހުށައެޅި އަގުތައްކަން ''ވަގުތު" އަށް އެނގިއްޖެއެވެ.

އިންޓަނެޓްގެ ހިދުމަތުގެ އަގުހެޔޮ ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމައި، މީގެ ދެއަހަރު ކުރިން ރައީސް އޮފީހުގެ ޕޮލިސީ ސެކްޝަނަށް މަލީހު އޮތީ ހުށައަޅާފައެވެ.

އެނގިފައިވާ ގޮތުން އަގުތައް އިއުލާން ނުކޮށް ހިފަހައްޓާފައި އޮތީ ޕޮލިސީ ސެކްޝަނުންނެވެ. މަލީހް ވެސް އެ މޭރުމުން ކުރިން ވާހަކަ ދައްކަވާފައިވެއެވެ. އެއީ އޭނާ މިނިސްޓަރު ކަމުގައި ވެސް ހުންނެވިއިރުއެވެ.

ޕޮލިސީ ސެކެރެޓަރީއަކަށް އޭރު ހުންނެވީ މިހާރުގެ ޓެކޮނޮލޮޖީ މިނިސްޓަރު އައިޝަތު ޝައުނާއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އޭރު އަގުތައް އިއުލާން ނުކޮށް ރައީސް އޮފީހުން މަޑުޖައްސާފައި އޮތީ ބަޖެޓަށް ލިބޭ އާމްދަނީ މަދުވާނެ ކަމަށް ބުނެއެވެ.

މަލީހު ވެސް މިއަދު ވިދާޅުވީ، އަގު ހެޔޮ ކުރަން މީގެ ދެ އަހަރު ކުރިން ރައީސް އޮފީހަށް އަގުތަކެއް ފޮނުވި ކަމަށެވެ. އަދި އަގުހެޔޮ ކުރަން ފޮނުވީ ވެސް އެންމެ ތިން ޕެކޭޖް ނުން ކަމަށެވެ.

މަލީހް "ވަގުތު" އަށް ވިދާޅުވި ގޮތުގައި އޭނާ މިނިސްޓަރު ކަމުގައި ހުންނެވިއިރު، ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދެމުންދާ ކުންފުނިތަކުގެ ހުރިހާ ޕެކޭޖެއް އަގު ހެޔޮ ކުރުމަށް ވެސް ފޮނުވިއެވެ.

މި ގޮތުން މޯބައިލް ޑޭޓާއަކީ އެންމެ އާންމު ޚިދުމަތަށް ވެފައި އެ ޕެކޭޖްތައް އަގު ބޮޑުވުމުން، އެ ޕެކޭޖްތަކަށް ޚާއްސަ ހެޔޮ އަގުތެއް ވެސް ފޮނުވި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އޭރު ވަނީ މީޑިއާތަކާއި ނޫސް މަޖައްލާތަކުގެ އިތުރުން ވިޔަފާވެރިވެންނަށް ޚާއްސަ ޕެކޭޖްތަކެއް ކަނޑައަޅަން ވެސް ފޮނުވައިފައެވެ. މީޑިއާތަކުގެ އިސްވެރިންނާ ވެސް އޭރު މިނިސްޓަރު މަލީހް ބައްދަލު ކުރެއްވިއެވެ.

މަލީހު ސިފަކުރެއްވި ގޮތުގައި މިއަދު އިއުލާން ކުރި އަގުތަކަކީ "އަމާ ބުނީތީ ފަރަށްދާ" އުސޫލުން އާންމުކޮށްފައިވާ އަގުތަކެކެވެ.

އަގަށް ގެނައި ހެޔޮ ބަދަލަކީ އަންނަ ޖުލައި މަހުން ފެށިގެން ބްރޯޑްބޭންޑްގެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސް ކަމަށް ކަނޑައެޅުމެވެ. މިހާރު ޖުމްލަ ގޮތެއްގައި ތްރޮޓްލް ސްޕީޑަކީ 1-2 އެމްބީޕީއެސް ކަމަށް ވިޔަސް މިހާރު ވަނީ މި ސްޕީޑް ވަކި މިންވަރަކަށް ވުރެ ދަށްކުރުން މަނާކޮށްފައެވެ. އެގޮތުން 300ރ. އަށް ވުރެ މަތީގެ ޕެކޭޖުތަކަށް ތްރޮޓަލް ސްޕީޑް 5 އެމްބީޕީއެސް އަށް ވުރެ ދަށެއް ނުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާކު

    މައްސަލައެއް ނެތެއްނުން ކޮންމެ މީހަކު ހުރިއިރު ފޮނުވި އެއްޗެއް ވިޔަސް. މަލީހު ވެސް އުޅުނީ ދައުލަތުން މުސާރަ ނަގައިގެން. އެހެންވީމާ އޭނާ ހުށައެޅި އެއްޗެއް ފާސްވެގެން އައުމަކީ މައްސަލައެއް ނޫނެއްނުން.

    2
    3