ރާއްޖޭގައި އިންޓަނެޓުގެ އަގަށް ގެނައި ބަދަލުތަކާ އެއްގޮތަށް ހިދުމަތްދޭ ވިޔަފާރިތަކުން ކަނޑައަޅާފައިވާ އަގުތަކަށް ހިދުމަތް ނުދޭ ނަމަ ޖޫރިމަނާކުރާނެ ކަަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އިން މިއަދު ބުނެފިއެވެ.

އިންޓަނެޓުގެ ހެޔޮއަގުތައް އިއުލާންކުރަން ބޭއްވި "ނެޓު ހެޔޮ" ރަސްމިއްޔާތުގައި ކޭމްގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވީ، ސަރުކާރުން މި ގެނައި ހެޔޮ ބަދަލުގެ މަންފާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން އިންޓަނެޓުގެ ހިދުމަތްދޭ ފަރާތްތަކާ އެކު އެއްބަސްވި އަގުތަކަށް އެ ކުންފުނިތަކުން އަމަލު ކުރޭތޯ ބަލަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންޓަނެޓް ހިދުމަތްދޭ ފަރާތްތަކުން ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ސްޕީޑާ ފެންވަރު ކޮމިއުނިކޭޝަން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ހުރޭތޯ، ކޮމިއުނިކޭޝަން އޮތޯރިޓީން ބަލަމުން ގެންދާނެ. އަދި އެހެން އެކަން ނުވާނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނަން" އިލްޔާސް ވިދާޅުވިއެވެ.

އަގަށް ގެނައި ހެޔޮ ބަދަލަކީ އަންނަ ޖުލައި މަހުން ފެށިގެން ބްރޮޑްބޭންޑްގެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސް ކަމަށް ކަނޑައެޅުމެވެ. މިހާރު ޖުމްލަ ގޮތެއްގައި ތްރޮޓްލް ސްޕީޑަކީ 1-2 އެމްބީޕީއެސް ކަމަށް ވިޔަސް މިހާރު ވަނީ މި ސްޕީޑް ވަކި މިންވަރަކަށް ވުރެ ދަށްކުރުން މަނާކޮށްފައެވެ. އެގޮތުން 300ރ. އަށް ވުރެ މަތީގެ ޕެކޭޖުތަކަށް ތްރޮޓަލް ސްޕީޑް 5 އެމްބީޕީއެސް އަށް ވުރެ ދަށެއް ނުކުރެވޭނެއެވެ.

ފިކްސްޑް ބްރޯޑްބޭންޑްގެ އަގަށް ގެނައި ހެޔޮ ބަދަލުތައް:

  • 30 ޖީބީގެ ޑޭޓާ 250ރ. އަށް، 5 އެމްބީޕީއެސް ސްޕީޑްގައި (ތްރޮޓޮލް ސްޕީޑް: 2 އެމްބީޕީއެސް)
  • 100 ޖީބީގެ ޑޭޓާ 500ރ. އަށް، 15 އެމްބީޕީއެސް ސްޕީޑްގައި (ތްރޮޓޮލް ސްޕީޑް: 5 އެމްބީޕީއެސް)
  • 200 ޖީބީގެ ޑޭޓާ 700ރ. އަށް، 25 އެމްބީޕީއެސް ސްޕީޑްގައި (ތްރޮޓޮލް ސްޕީޑް: 5 އެމްބީޕީއެސް)

މި ނިންމުމަށް އަމަލު ކުރަން ފަށާނީ އަންނަ ޖުލައި މަހުން ފެށިގެންނެވެ.

ފިކްސްޑް ބްރޯޑްބޭންޑުގެ އިތުރުން މޯބައިލް އިންޓަނެޓު ޕްލޭންތަކަށް ވެސް މިއަދު ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

އުރީދޫ މޮބައިލް އިންޓަނެޓު

  • ޕްރީޕެއިޑް - 30– 100 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް
  • ޕޯސްޓްޕެއިޑް – 20 -30 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް
  • މޯބައިލް ބްރޯޑްބޭންޑް – 5 – 20 ޕަސަންޓުގެ އިތުރު ޑޭޓާ

ދިރާގު މޮބައިލް އިންޓަނެޓު

  • ޕްރީޕެއިޑް – 20 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް
  • ޕޯސްޓްޕެއިޑް – 19 – 28 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް
  • މޯބައިލް ބްރޯޑްބޭންޑް – 20 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮވިޑް

    ޔެސް! ތިކަން ކުރާނެ ޖޫރިމަނާ ސަރުކާރު ދެއްތޯ؟ އަޅެ ޖޫރިމަނާ ނޫން އެއްޗެއް ކިޔާބަލަ. ލޮކްޑައުން ވެސް މާލޭ ބަންދަށް ބަދަލްކުރިގޮތަށް، މިހާރު ވެއްޖެ ދޯ ޖޫރިމަނާ ގެ ބަދަލުގައި އަތުން ފެހުން ކަހަލަ ނަމެއް ކިޔަން.

    3
    1
  2. އަބްދޫ

    ކުންފުންޏަށް ގެއްލުންވާގޮތަށް ހިންގަން ސަރުކާރުން މަޖްބޫރުކުރާނަމަ އަމިއްލަ ނާޖާއިޒް ފައދާގެ ގޮތުގަ ރައްޔިތުންގެ ސަޕޯޓް ހޯދުމަށް މަސައްކަތް ކުރަނީ ކަމަށް ބެލުމުގެ ފުރުސަތު އޮވެދާނެ. ގެއްލުންވާގޮތަށް ކުންފުނި ހިންގަން ސަރުކާރަށް މަޖްބޫރު ނުކުރެވޭނެ. މިހާރު އިންޓަރ ނެޓް ބޭނުން ކުރަމުންދާނިސްބަރތުން ބަލާ މިހާރު ކަނޑައެޅި އަގަށް ތިރިކޮށްފިނަމަ މޯބައިލް އިންޓަރނެޓާއި ބޮރޮޑް ބޭންޑުން ކުންފުންނީގެ ވިޔަފާރިއަށް އަންނަ ބަދަލު އާއްމުކުރަން ފެނޭ.

    5
    2
  3. ރަންނަ

    އާރް އޯ އެލް ގެ ވާހަކަ ނެތީ ކީއްވެތޯ؟؟

  4. ސްޓިކް ހައުސް ޒަކިއްޓޭ

    ފިޔަވަޅު އަޅާނީ ވެސް މަޑު ގިނީގައި އޮކްޓޫބަރުން ނޮވެންބަރުން އޭޕުރީލުން ދަމަކުން ބަޑިއެއް ޖަހާހެން ތާކުން ތާކު ނުޖެހޭނެހެން ފިނިހަކަ ސްޕީޑްގައިތޯ