ހައިވޭ މަތިން ދުއްވާފައި ދަނިކޮށް ސައިކަލު ފުރޮޅު ފަޅައިގެން ގޮސް ހިނގި އެކްސިޑެންޓްގައި ސީރިޔަސް އަނިޔާތަކެއް ނުލިބޭ ކަމަށާއި، ހާލު ރަނގަޅުވަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އާމިރު މިއަދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ހަވީރު އެއާޕޯޓަށް ދުއްވާފައި ދަނިކޮށް ހިނގި އެކްސިޑެންޓްގައި އާމިރުގެ މޫނަށާއި ފަޔަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. މޫނު މަތި ޒަހަމްވެ ވަރަށް ބޮޑަށް ލޭފެބިއެވެ. ފައިގެ ހަން މަށައިގެން ގޮސް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. ލިބުނު ޒަހަމްތަކަށް ފަރުވާހޯދަމުން ގެންދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

އެކްސިޑެންޓް ހިނގައި ދިޔަގޮތް އާމިރު ވަނީ ފޯނު މެދުވެރިކޮށް "ވަގުތު" އާ ހިއްސާކުރައްވާފައެވެ. އެ ދުވަހު އާމިރު އެއާޕޯޓަށް ދިޔައީ ބައްޕަ ފުރުވަންވެގެންނެވެ. ދިޔަ މަގުމަތީގައި ފުރޮޅު ފަޅައިގެންގޮސް ސައިކަލްގެ ކޮންޓްރޯލު ގެއްލުނު ކަމަށް އާމިރު ވިދާޅުވިއެވެ.

"ފުރޮޅު އުކަން ފެށީމަ ސައިކަލު މަޑުނުކުރެވިގެން އުޅެނިކޮށް ކޮންޓްރޯލުން ނެއްޓިގެން ހުއްޓުނީ. އަޅުގަނޑު ހީކުރީ ކުރީ ފުރޮޅަށް ކަމެއްވި ކަމަށް. އެހެން ނަމަވެސް ފަހުން އެނގުނީ ފަހަތު ފުރޮޅުކަން، އެއީ އާ ފުރޮޅެއް" އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވި ގޮތުގައި އެންމެ ބޮޑަށް ޒަހަމްވީ ވައަތު ފަޔަށެވެ. ފައިގެ ދަށްފުށަށް ލިބުނު ޒަހަމްތަކުގެ ސަބަބުން ހިނގަން އުނދުގޫވި ކަމަށް އޭނާ ވިދާޅުވިއެވެ. ތުންފަށް ދުޅަވެ ވާހަކަ ދައްކަން އުނދަގޫވި ކަމަށްވެސް ވިދާޅުވިއެވެ.

"ދަށްފުން ވަރަށް ބޮޑަށް ޒަހަމްވެފެއި އަނެއްފައިގައި ކުދި ކުދި ޒަހަމްތައް ފައި އަޅައި އުޅެން އުނދަގޫ. މޫނުމަތީގައި ޒަހަމްވިތަން ފަހާފައި މިހާރު ފަރުވަދެމުން މިދަނީ" އާމިރު ވިދާޅުވިއެވެ.

އެހެންވިޔަސް ހަށިގަނޑުގެ އެތެރެއަށް މާ ބޮޑު އަނިޔާއެއް ލިބިފައިނުވާކަން އާމިރު ފާހަގަކުރެއްވިއެވެ. އާމިރު ހޮސްޕިޓަލުން ދޫކޮށްލާނީ އިތުުރު ސްކޭންތަކެއް ހެދުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޭކު ސަވާލް

    ފޮޓޯތައް ޢާއްމު ނުކުރޭ ތޯ؟

    11
    3
    • ކޮވިޑް

      އެއީ ފޮޓޯ ނަޝީދެއް ނޫން . ދެއްކުން ތެރިން އޮރިޔާން ފޮޓޯނަގާ މީޑިއާގަ ހިއްސާ ކުރިޔަސް އެންމެން ނުވާނެ ދެއްތޯ އެއްގޮތެއް؟

      53
      6
  2. ލާމު

    މޫނަށް ތިވަރުވީއިރު ހެލްމެޓް ކޮބާ؟

    9
    2