މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން މާލެ ސިޓީގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން މާލެ ސިޓީއަކީ އަމާން ތަނަކަށް ހެދުމަށް ކުރެވެން ހުރި ކަންތައްތަކާއި، މާލެ ސިޓީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާއި، ގުޅޭ ގޮތުން ފުޅާ ދާއިރާ އެއްގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން މިހާރު ކުރަމުން ގެންދާ މައިގަނޑު މައްސައްކަތްތަކާއި، އަދި ކުރިއަށް ރާވާފައިވާ ކަންތައްތައް މުއިއްޒު، ރައީސްއާ ހިއްސާކުރެއްވިއެވެ. އަދި މި ކަންތައްތައް ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދެވުމަށް ބޭނުންފުޅުވާ ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ. ސަރުކާރަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަގީންކަންވެސް މުއިއްޒު ދެއްވިއެވެ.

ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ސަރުކާރުން މާލެ ސިޓީ ކަންސިލުން މާލޭގެ ކުރިއެރުމަށާއި، މާލެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރައްވާ ހުރިހާ މަސައްކަތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި އެ ސިޔާސަތުގެ ތެރެއިން މާލެ ސިޓީގެ ކަންކަން ހަރުދަނާކޮށް ކުރިއަށްގެންދިއުމަށް ރައީސް ވާހަކަފުޅުގައި ބާރުއެޅުއްވެވިއެވެ.

މި މަހުގެ 17 ވަނަ ދުވަހު މަގާމުގެ ހުވާ ކުރެއްވި މޭޔަރު މުއިއްޒު މިއަދު ރައީސްއާ ބައްދަލު ކުރެއްވިއިރު މޭޔަރުކަމާއި ހަވާލުވެވަޑައިގަތް ފަހުން އޭނާ ގެންދަވަނީ ސަރުކާރުގެ އެކި ވަޒީރުންނާއި ބައްދަލުކުރައްވަމުންނެވެ.

ދެ ސަރުކާރެއްގައި ހަތް އަހަރުގެ މުއްދަތަކަށް ހައުސިން މިނިސްޓަރު މަގާމު ފުރުއްވި މުއިއްޒަކީ މާލޭގެ ފުރަތަމަ އިންތިޚާބީ މޭޔަރެވެ. ލާމަރުކަޒީ ނިޒާމަށް ގެނެވުނު އިސްލާހާއެކު، މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގައި މޭޔަރަކު އިންތިޚާބު ކުރީ ސީދާ މާލޭގެ ރައްޔިތުންގެ ވޯޓަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޫދާ

    މުއިޒު އަށް ރާއްޖޭގައި ވެރިކަން ކުރެވޭނެ!!!ގާބިލު ކަން އެބަހުރި އެބަދައްކާ!!ޔާމީނަކައް ނުކުރެވޭނެ ވެރިކަމެއް!! ޥަގުން ގެ ފަހަތުން އަބަދަކު އަހަރެމެން ނަކައް ނުދުވެވޭނެ . މުއިއްޒު2023

    2
    5