މިއަހަރުގެ މިހާތަނަށް ރާއްޖެއިން 5000 އަށްވުރެ ގިނަ 10 އަހަރުން ދަށުގެ ކުޑަކުދިން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެ އެވެ.

އެޗްޕީއޭއިން ވިދާޅުވީ، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަަަނަށް ރާއްޖެއިން 10 އަހަރުން ދަށުގެ 5131 ކުދިން ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

އަދި ބޭރަށް ނުކުމެ އުޅުން މަދުކުރުމުން ބައްޔަށް ހުށަހެޅޭ މިންވަރު ކުޑަވެ، ދަރީންނަށް ރައްކާތެރިކަން އިތުރުވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރާއްޖެއިން ކޮވިޑަށް ފައްސިވާ އަދަދުތައް ބޮޑަށް އިތުރުވާން ފެށީ އޭޕްރިލް މަހުގެ ފަހުކޮޅުން ފެށިގެންނެވެ. އޭގެ ފަހުން މެއި މަަހު ބަލި ޖެހޭ މިންވަރު 1000 އިން މައްޗަށް އަރައިގެން ދިޔައެވެ. އަދި ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެގެންް ގޮސްފައެވެ.

ރާއްޖެއިން މިހާރު ކޮވިޑަށް ފައްސިވާ ގިނަ މީހުންގެ ތެރޭގައި އެނދުމަތި ވެފައިވާ ބަލި މީހުންނާއި، ކުޑަކުދިން ހިމެނޭ ކަމަށް ސިއްހީ މާހިރުން ދަނީ ވިދާޅުުވަމުންނެވެ.