މާލޭގެ ގެއެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބޯހިޔާވަހިކަން ގެއްލުނު 32 މީހުންގެ ތެރެއިން ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) ވިދާޅުވެއްޖެއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މއ.މޯނިންވިއުގެ ތިންވަނަ ފަންގިފިލާގައެވެ. އެންޑީއެމްއޭއިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި ފަސް އާއިލާއެއްގެ 32 މީހަކު ވަނީ ހާލުގައި ޖެހިފައެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، ފައްސިވެފައިވާ މީހުން ހެލްތް ޕްރޮޓޭކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އިރުޝާދާއި އެކީ ކޮވިޑް ފެސިލިޓީއަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތައް މިވަގުތު ތިބީ ގިޔާސުއްދީން ސްކޫލްގައެވެ. އަދި ވަގުތީ ބޯހިޔާވަހިކަން ދިނުމުގެ ކަންކަން ވެސް މިހާރު އެއޮތޯރިޓީން އަންނަނީ ކުރަމުންނެވެ.

ރޯވެފައި ވަނީ ތިންވަނަ ފަންގިފިލާގައި ނަމަވެސް އެ ގޭޭގެ ދެެވަނަ ފަންގިފިލާވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.

އަލިފާން ރޯވި ކަމުގެ ރިޕޯޓް ކޮށްފައި ވަނީ ފަތިހު 05:00 ހާއިރުއެވެ. އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

އަލިފާން ރޯވި އިރު އަލިފާން ރޯވި ފްލޯގައި ވެސް ތިން މީހުން ތިއްބެވެ. އެމީހުން އިމާރާތުން ނިކުންނަން އުޅުމުގެ ތެރޭގައި ބައެއް މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.