ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ވިދާޅުވެއްޖެ އެވެ.

މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ފާއިތުވި ހަތަރު ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވުމާއެކު ކަނޑުތައް ވަރަށް ގަދަވެ ވިއްސާރަކޮށްފައިވާ ކަމަށެވެ.

އަދި މި ސަރަޙައްދު ކަނޑުގެ ބާނި ބޮޑުވުމުގެ ސަބަބުން ވަރަށް ގިނަ ރަށްތަކަށް އުދައިގެ އަސަރުކޮށް އެެކިވަރުގެ ގެއްލުންތައް ލިބުނު ކަމަށާއި، ފާއިތުވި ހަތަރު ދުވަހަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރޭގައި ގަޑިއައަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުނުއިރު ވައި އެންމެ ގަދަވިކަމަށް ރެެކޯޑު ކުރެވުނީ ގަޑިއަކު 56 މޭލު ބާރުމިނަށް ބ.ދަރަވަންދޫ އަށް ކަމަށް މެޓް އޮފީހުން ވިދާޅުވެފައި ވެއެވެ.

އަދި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯރެވުނީ 54 މިލިމީޓަރުގެ ވާރޭ، ހުޅުލެ އަށް ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

ކުރިއަށް އޮތް ތިން ދުވަހަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް ތިން ދުވަހު އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މެޓް އޮފީހުން ވަނީ، ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްލަފާ ކުރެވޭތީ އާންމުކޮށް ހުރިހާ ފާރާތްތަކުން ވަކިން ހާއްސަކޮށް ކަނޑުދަތުރު ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އެދިފައެވެ.