އދ. ދިގުރަށުން ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ދިގުރަށް ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން "ވަގުތު" އަށް ވިދާޅުވީ ފައްސިވެފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ވަކި ތަރުތީބެއް ނެތި ނަގާފައިވާ ސުންކުގެ ތެރެއިން ސުންކެއް ކަމަށެވެ.

މިވޭދަނައާއި އެކީ ދިގުރަށުން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 4 އަށް އަރާފައެވެ. އެއީ ހޯމް ކަރަންޓީނުގައި ހުރި ދެ ބޭފުޅަކާއި ފަތުރުވެރިއަކާއި މިއަދު ފައްސިވެފައިވާ ބޭފުޅާއެވެ.

އުސްމާން ވިދާޅުވީ، ވަކި ތަރުތީބެއް ނެތި އެރަށުގައި ދޭތެރެއަކުން ސުންކު ނަގާ ކަމަށާއި މިއަދުގެ ވޭދަނައާއި ގުޅިގެން މިވަގުތު ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ ކަމަށެވެ.

އަދި ފައްސިވެފައިވާ މީހާއަކީ މިއިން ކައިރި ދުވަހެއްގައި ވެސް ރަށުން ބޭރަށް ގޮސްފައިވާ ބޭފުޅެއް ނޫން ކަމަށާއި ރަށުން ފައްސިވެފައިވާ މީހުންނާއި ގާތުން ބައްދަލުވެފައިވާ މީހެއް ވެސް ނޫން ކަމަށެވެ. އެހެން ކަމުން މިވަގުތު ބަލި މުޖުތަމައު ތެރޭގައި ފެތުރެން ފަށާފައިވާ ކަމަށާއި އެހެން ނަމަވެސް ފެތުރެން ފަށާފައިވަނީ ކިހިނެތް ކަމެއް އަދި ނޭނގޭ ކަމަށް އުސްމާނު ވިދާޅުވިއެވެ.

"ފައްސިވި ބޭފުޅާގެ އެއްވެސް ސިމްޕްޓޮމްސް އެއް ވެސް ނެތް. މިވަގުތު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެބޭފުޅާވީ ކަރަންޓީނުގައި" އުސްމާނު ވިދާޅުވިއެވެ.

ދިގު ރަށުން ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އަދި އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ނުވާ ކަމަށް އުސްމާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަރެލް

    އދ ދިގުރަށް ؟ ފޮޓޯއިން ފެންނަނީ ދަރެޒިޑެންސް މޯލްޑިވްސް ދިގުރަށް

  2. ދިގުރައް

    އެއީ ހަމަ އެއްރަށެއް

  3. މަހިބަދޫ މީހާ

    އެއީ ދެރަށެއް.