ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ނިންމަވާފައިވާ ގޮތަށް، މާލެ ވޯޓަރ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔ.އެސްސީ)ން ހިދުމަތްދޭ ރަށްރަށުގައި، މި ހިނގާ މެއި މަހުގެ ފެން އަދި ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

އެކުންފުނިން ވިދާޅުވީ، ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީ ފަޅު އަދި ތިލަފުށީގެ އިތުރުން ރ. ދުވާފަރު، ކ. މާފުށި އަދި ހދ. ކުޅުދުއްފުށީގެ ކޮންމެ ގޭބިސީއެއްގެ މިއަހަރުގެ މެއި މަހުގެ ފެން ބިލުން 30 އިންސައްތަ އަދި ކޮންމެ ވިޔަފާރިއެއްގެ ފެން ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، އެކުންފުނިން ރ. ދުވާފަރުގައި ފޯރުކޮށްދެމުންދާ ކަރަންޓްގެ ޚިދުމަތުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

މިގޮތުން ދުވާފަރުގެ ކޮންމެ ގޭބިސީ އެއްގެ މެއި މަހުގެ ކަރަންޓު ބިލުން 40 އިންސަތަ އަދި ކޮންމެ ވިޔަފާރިއެއްގެ މެއި މަހުގެ ކަރަންޓް ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެކުންފުނިން ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅުއްވަމުންމުން ގެންދަވާ ފިޔަވަޅުތަކަށް އެކުންފުނީގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

އަދި ހުރިހައި ރައްޔިތުން ވެސް ފަރުދީ ޒިންމާ އަދާކޮށް، މިބަލިމަޑުކަމުން އަރައިގަތުމަށްޓަކައި އެންމެން އެކުގައި، އެއްރޫހެއްގައި މަސައްކަތް ކުރުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

އަދި އަތް ދޮވުމުގައި އަދި އެހެނިހެން ކަންކަމުގައި ވެސް ފެން ބޭނުންކުރާއިރު އިސްރާފު ކުޑަވާނެހެން ފެން ބޭނުން ކުރުމަށް އެކުންފުނިން ވަނީ ނަސޭހަތްތެރިވެފައެވެ.