މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލައިގެ ތަހުގީގު "ވާނުވާ" އަށް ދާން ފުރުސަތު ނުދެއްވާނެ ކަމަށް އެމްޑީޕީގެ ލީޑާޝިޕުން ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީން ކުރަމުންދާ މަސައްކަތްތައް ޚިއްސާ ކުރެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ފުލުހުން ކުރަމުންދާ ތަހުގީގުގެ ކަންކަން ވަރަށް ކައިރިން އެ ޕާޓީން ބަލަމުންދާ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި ފުލުހުންނާ އަބަދުވެސް ބައްދަލުވެވޭ ކަމަށާއި ފުލުހުންގެ ފަރާތުން އެއްބާރުލުން ވެސް ލިބެމުންދާ ކަމަށެވެ. އެހެންވިޔަސް ޕާޓީއަށް ހިތްހަމަނުޖެހޭ ކަމެއް ފާހަގަވާނަމަ އެ ކަމެއް ފުލުހުންނަށް ޚިއްސާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންނަށް، އެމްޑީޕީގެ އާންމު މެންބަރުންނަށް ވެސް، އަޅުގަނޑުމެން ދޭން ބޭނުންވާ ޔަގީން ކަމަކީ ވާނުވާއަށް މި ތަހުގީގު ދާން ފުރުސަތު އެމްޑީޕީން ނުދޭނެ ކަން،" މަޖިލީހުގައި ހެންވޭރު ހުޅަނގު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ހަސަން ލަތީފް ވިދާޅުވިއެވެ.

އެ މައްސަލަ ފުރިހަމަ ގޮތުގައި ތަހުގީގު ކުރާނެ ކަމުގެ އިތުބާރު ފުލުހުންނަށް އޮތްތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ ޕާޓީގެ މަސައްކަތަކީ ވެސް ތަހުގީގުގެ ދުވެލި ރަނގަޅު ގޮތުގައި ދޭތޯ ބެލުން ކަމަށެވެ.

މިހާރު ތަހުގީގު އޮތް ދުވެލި ގޯސް ނޫން ކަމުގައި ފާހަގަ ކުރެއްވުމަށް ފަހު، އޭނާ ވިދާޅުވީ ތަހުގީގާ މެދު އިތުބާރު ގެއްލޭ ހިސާބަށް ކަންކަން ދާނަމަ ޕާޓީން އިސްވެގެން އެ ކަން ޕާޓީގެ އާންމު މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް ހާމަ ކުރާނެ ކަމަށެވެ.

"އިތުބާރު ގެއްލޭ ހިސާބަށް ތަހުގީގު ގޮސްފިއްޔާ އަޅުގަނޑުމެން އިސްވެ އެމްޑީޕީގެ އާންމު މެންބަރުންނަށް އެ ކަން ޚިއްސާ ކުރާނަން، އަދި ދިވެހި ރައްޔިތުންނަށް އެ ކަން ހާމަ ވެސް ކޮށްދޭނަން،" ހަސަން ލަތީފް ވިދާޅުވިއެވެ.

އެމްޑީޕީން އެ ކަންކަން އެ ގޮތަށް ބަލަމުން ދިއުމަކީ ފުލުހުންނަށް ތަހުގީގު ފުރިހަމަ ކުރުމަށް ކުރެވޭ ޕްރެޝަރެއްތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ހަސަން ވިދާޅުވީ، އެއީ ފުލުހުންނަށް ކުރެވޭ ޕްރެޝަރެއް ކަމުގައި އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.

"އެމްޑީޕީގެ ރައީސަށް ހަމަލާއެއް ދީގެން އެ އުޅެނީ، އެމްޑީޕީގެ ރައީސަށް ހަމަލާއެއް ދިނީމަ، އޭގެ ތަހުގީގު އޮތް ގޮތެއް އެމްޑީޕީން ބެލުމަކީ ފުލުހުންނަށް ޕްރެޝަރެއް ކުރުން ކަމަކު ނުދެން، ޕްރެޝަރަކަށް ވެގެން ވެސް ތަހުގީގު ރަނގަޅަށް ދިއުން އެންމެން ވެސް ބޭނުން ވާނީ،" ހަސަން ވިދާޅުވިއެވެ.

ތަހުގީގު ކުރުމުގައި ވަރަށް ގިނަ ކަންކަމަށް ރިއާޔަތް ކުރަން ވެސް އެމްޑީޕީގެ ލީޑާޝިޕުން އެދިވަޑައިގެންފައިވެއެވެ.

އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަ ހިނގި ގޮތާއި އެ ކަން ބަލަނިކޮށް ހަމަލާ އައުމުން އެ ކަންކަމަށް ރިއާޔަތް ކޮށްގެން ފުލުހުންގެ ތަހުގީގު ގެންދަން އެދިވަަޑައިގަންނަވާ ކަމަށެވެ. އަދި، މި ހަމަލާއަށް ފަހު ހިނގި މަރުތަކާއި ހަމަލާއާ ގުޅުމެއް އޮތްތޯ ވެސް ބަލައިދޭން އެދިވަޑައިގަތެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލިކަށިވި ގޮތުގެ މައްޗަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން އިންކުއަރީއެއް ކުރިއަށް ގެންދާއިރު، މި ޖޫން މަހުގެ 30 ވަނަ ދުވަހަށް އެ އިންކުރިއަރީ ނިމި އޭގެ މައްޗަށް ކޮމިޓީގެ ރިޕޯޓް އެކުލަވާލެވޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް އެ ކޮމިޓީގައި ވެސް އިންނަވާ މެންބަރު ހަސަން މިރޭ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ޒަޚަމްތަކަށް އޭޑީކޭގައި ހަފުތާއެއްހާ ދުވަހަށް ފަރުވާ ދެވި އޮޕަރޭޝަންތަކެއް ވެސް ކުރަން ޖެހުނެވެ. އިތުރު ފަރުވާއަށް ޖަރުމަން ވިލާތަށް ވަޑައިގެން، މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދެވުމަށް ފަހު އެ ހޮސްޕިޓަލުން ވެސް ދޫކޮށްލާފައިވެއެވެ. ނަޝީދު އަދިވެސް ހުންނެވީ ޖަރުމަނުގައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ނާޒި

    ކަލޯ ދާއިރާގެ މީހުންގެ ހާލު ދުވަހަކު ވެސް ނު ބެލުނު މީހަކަށް ތިކަންވާނެތަ؟

    38
  2. ރަފްއަތު

    ހަމަ ވާނުވާ އަށް ދާނި ހެހެހެހެހެހެހެ

    31
  3. އެމަންޖެ

    މޑޕ ވާނުވާޔައް ހަދާލަންވީ.

    30
  4. ކާލި

    ދައުލަތުގެ ތަހުޤީގު ނިޒާމަކީ ކޮބައިތޯ ؟ މީހަކު ޖިނާއީ އަމަލެއް ކޮށްގެން މީހަކަށް ގެއްލުން ވެއްޖެއްޔާ އެމީހެއްގެ ބަޔާން ނަގާ އެމީހަކު އެކަމާއި ދައުވާ ކުރަން ބޭނުން ކަމައްވަންޏާ އެކަމެއް ތަހުޤީގުކޮށް ދައުވާ ކުރަން ޖެހޭ މީހުންގެ މައްޗަށް ދައުވާކޮށް ބަދަލް ދޭންޖެހޭނަމަ އެބަދަލެއްވެސް ޝަރީއަތުން ނަގާދިނުން،، މީހަކު ކުޅަ ޖިނާޢީ ޢަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެއްޔާ ވާރިސުންގެ ބަޔާންނަގާ ޤީސާސް ހިފަން ބޭނުން ކަމަށް ވާނަމަ ޝަރީއަތުން އެގޮތަށް ނިންމުން، ދިޔަ ބޭނުން ކަމަށްވާނަމަ އެގޮތަށް ނިންމުން !

    17
    1
  5. ކްރުސްޗޮފް

    ތިއުޅެނީ ބާރު އޮތީމާ ތަހްގީގައް ނުފޫޒު ފޯރުވަންތަ ތީއްޔަކީ ޑިމޮކްރަސީ ދަންނަ އުސޫލެއްނޫން ދިމޮކްރަސީ ދަންނަނީ ހަވާލުކުރެވޭ މަސައްކަތް އެއްވެސް ނުފޫޒެއް ނެތި ކޮއްނިންމާލަން ފުރުސަތު ފަހިކޮއްދިނުން

    23
  6. މަސްއޫދު

    މިހިރަ ނުލަފާ މީހާގަޑާ އެންފަރަކުވެސް ރާއްޖޭން ހުޅުމާލޭ ފިސިލިޓީގައި އަޅާލުންކުޑަވެ މަރުވާ މީހުންގެ މައްސަލަ ބަލާނަމޭ ބުނެލަންކރރުނުތަ!

    25
  7. ބެލޭމީހާ

    ރައޔިތުން ގުދުބިން ދައިގެން ހޯދާ ރުފިޔާކޮޅުން ނަގާ ޓެކްސް ފައިސާއިނން މުސާރަޔާ އިނާޔަތާ ނަގައިގެން އަނބިދަރިންގޮވައިގެން އުފަލުގަ އުޅެވޭތޯ ކޮންމެ މީހަކު މިބަލަނީ ހީވާކަހަލަ މުޅި އުމުރައް ގޔާމަތައް ދަންދެން ތިބެވޭނޭ ކުރާކަމެއް ރައްޔިތަކައްވީ ފައިދާއެއް ނެތް މުޅިން ކަރާފެޅުން

    23
  8. އިސްމާޢީލް

    ރޫހާނީ ލީޑަރުން ފެށިގެން ލީޑާޝިޕްގައި ގިނައިން ތިބީ “އަބަދުމެ ހަމައިގަ ތިބެންނުޖެހޭނެ ކަމަށް” ޤަބޫލުރާ، ގިނައިން ވާނުވާގަ ތިބޭ މީހުން ތިކަހަލަ. އެހެންވީމާ ތިމައްސަލަވެސް އޮންނާނީ ވާނުވާގަ. ތަހުގީގީ އިދާރާތަކުން މައްސަލަ ބަލަމުން ދާއިރު އެބޭފުޅުންގެ މަސައްކަތަށް ހުރަސް އަޅަން ތިކުރާ މަސައްކަތް ވަރަށްކަޑަ އަދި އެބޭފުޅާ އަކީ ކުރީގެ ރަޢީސް އަދި އެމްޑީޕީ އުފެއްދި މީހާ ވިޔަސް މަޖިލީހުހެ ރަޢިސް ވިޔަސް ތީ ހަމަ ފުކެއްބޮޑުވަރު. ކަމެއް ކުރައްޏާއި ވަގުތުން ވަގުތައް މާރިޔާ އެމަޤާމުން ވަކިކުރޭ

  9. މުއްކުރޭ

    ފުލުހުން ތަހުގީގު ކުރާނީ ފުލުހުންގެ ތަޖުރިބާ އެބަހުރި ކަލޭމެން ފުލުހުންނާ ދިމާލައް އެއްޗެހި ގޮވަމުން ދިޔައީމަ ފުލުހުން ކުރިމަތީގަ ކަލޭމެންގެ އަގެއްނެތް ރައީސް ނަޝީދު އަކީ މިކަމުގެ މޭސްތިރި ކަލޭމެންނަކީ ފުލުހުންނައް މަގުދައްކަންވާމީހުން އެކަމައް ހޮވާފަވާ މީހުން ކަލޭމެން ރުޅިއައީމަ ފުލުހުންނާ ދިމާލައް ބާއީ ލޯންސްޓަރ މެހެން ގޮސް ނުގޮވަނީ ކޯޗެއް

  10. ޙ

    ކޮވިޑްގެ ހާލަތައް ސަމާލުކަން ދިނުމަށްފަހު މެނުވީ އިތުރުއެއްވެސް ކަމަކަށް ސަމާލުކަން ދިނުމަކީ ބޮޑުގޯހެއް. ދުވާލަކު އެތައްބަޔަކު މަރުވެ. މިހާލަތުކައި ސިޔާސީ މަގާމްތަކަށް މީހުންނުނެގުމަށް ގޮވާލަން. ގައުމަކު ފައިސާއެއްނެތް.؟

  11. ޢަލިބެ

    އިންސާފަކީ ވަކިމީހަކަށް އެކަނި ލިބެންޖެހޭއެއްޗ

  12. ޢަލިބެ

    އިންސާފަކީ ވަކިމީހަކަށް އެކަނި ލިބެންޖެހޭއެއްޗެއްތަ؟ ކޮބާތަ މަރާލާފަ ތިބިމީހުންގެ އިންސާފު؟ ރޫހާނީލީޑަރުވީމަ ހާދަވަރެކޭދޯ ތިވަނީ

  13. ޓ

    ތީކާކު ގަދަބަސް ބުނަން ފިރުއައުނުވެސް ހަލާކުވެގެން ދިޔައީ އޭނަވަރެއް ނެތިގެން އުޅެނިކޮށް . ﷲ ރަހީމް ކަރީމް .

  14. އަހްމަދު

    ހަސަނާއެތަހުގީގު ޕޮލިސްއަތުންއަތުލައ ކަލެއާހިސާނު ދެންސަމީމުބައިވެރިކޮށްގެން އެތަހުގީގުނިންމަން މަސައްކަތްފަށައްފެނޭ

  15. އާދަމުގެދަރި

    މި މީހުން ހުއްޓާނުލައި އަބަދާއަބަދު ދައްކާނީ މި މީހުންނަށް އެއްޗެއް ނުލިބިގެން އެއެއްޗެއްގެ ވާހަކަ. ދުވަހަކުވެސް ވެރިކަމަށް އައިސްފައި ރައްޔިތަކަށް ހެވެއް އެދިގެން ކަމެއް ނުކުރާނެ. ކަމެއް ކޮށްފިއްޔާ އެކަމަކުންވެސް އޮންނާތީ ބޮޑުތަކުން ބޯކޮށް ނާޖާއިޒު ފައިދާ ނެގުން.

  16. ޝިރޯ

    މިގައުމުގައި ހުރީ ނަޝީދު އެކަނިތަ ރީދުބޮ ކިތައް މައުސޫމު ފުރާނަ ކަލޭމެންގެ ފަރުވާ ކުޑަކުން މިދުނި ދޫއެކުރަނީ އަދިވެސް އަދިވެސް ވޯޓު ހޯދައިގެން ވައްކަން ކޮއްކޮ ތިހުރީ
    އެމްޑީޕީގެ ބައިގަޑު އަވަސް ނިމުމަކުން ނިމިގެންދާނެ ދުވަހެއް ދައްކަވާށި ކުށެއްނެތެ އެތަކެއް ފަރާނައެއް ތިޔަ ދުއްވާލަނީ ހަމަ އިޙްމާލުން

  17. އަހްމަދު

    އެމްޑީޕީ ނެތީމާޔޯ އެހެނިހެން މަރުތައްގެ މައްސަލަނުބެލެނީ! ކަލޭމެންގެ ވެރޮކަމަށް މިހާރު ދެއަހަރާއި ބައި ވެގެންދާއި ކީއްވެތޯ އެމަރުތަކުގެ މައްސަލަނުބެލެނީ! ނަޝީދުގެ މައްސަލައައި އެއްވަރަށް އެމައްސަލަތައްވެސް ބެލެންޖެހޭ!!!

  18. ނަައީމް

    ތިޔަހެން ކަލޭމެން ބުނެފިއްޔާ ދާނީ ވާނުވާއައް ދެން ބުނޭ ނުބުނަމޭ ރައްޔިތުން ނޭ މި އެމްޑިޕީ މީހުން ކަމެއްހާސިލް ކުރައްވީމާ ފަރަންޖީ އެބުނާގޮތައް ބިރަކާނެތި ރައްޔިތުންނައް އޮޅުވާ މަކަރާއި ދޮގުހަދަމުން އެގެން ދަނީ ބޭރުގެ ލާދީނީ ފަރަންޖީން އެބުނާގޮތައް ޖެހިލުމެއްނެތި ވެރިކަމާއި މަގާމު ލިބިނީމާ އެބަވޭތަ ވައުދުވީ އެއްވެސް ކަމެއް ރައްޔިތުންނޭ ވިސްނާ ހަރުދަނާ ބަޔަކައްވެބަލަ ކޮންފަދަ ރީތި ބާރު ނަލަ ވެރިކަމަކުން ރައްޔިތުން މިތިބީ ހިތިފިލާފަ ވިސްނާލަބަލަ ވަޒީފާއެއްލިބި މުސާރަލިބުމަކުން ގައުމާއި ރަށެއް ތަރައްގީއެއް ނުވޭދޯ