ކޮވިޑް-19 ޖެހިގެން ގއ.ވިލިނގިލީގައި ފަރުވާ ދެމުން ގެންދިޔަ އެއަތޮޅު ދާންދޫ މީހަކު ނިޔާވެއްޖެއެވެ.

ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ 68 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ކޮވިޑަށް ފައްސިވީ މިމަހުގެ 17 ވަނަ ދުވަހު ނެގި ސުންކުންނެވެ. އޭނާ އަށް މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ވިލިނގިލީ ކޮވިޑް ފެސިލިޓީގައި އައީ ފަރުވާ ދެމުންނެވެ.

ދާންދޫން ބަޔަކު ކޮވިޑަށް ފައްސިވުމުން އެރަށް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

"ވަގުތު"އަށް މައުލޫމާތުދެއްވަމުން އެރަށު ކައުންސިލް ރައީސް އާސިފް ވިދާޅުވީ، ނިޔާވި އެ މީހާއަކީ އެރަށު ސިއްހީ މަރުކަޒަށް ބަލިވެގެން ދެއްކި މީހެއް ކަމަށާއި، އޭގެ އަނެއް ދުވަހު އޭނާގެ ސުންކު ނެގި ކަމަށެވެ.

އަދި 18 ވަނަ ދުވަހު އޭނާގެ ސުންކުގެ ނަތިޖާ ލިބުނުއިރު، އޭނާ ކޮވިޑަށް ފައްސިވުމުން، 19 ވަނަ ދުވަހު އޭނާ ފެސިލިޓީއަށް ގެންދިޔަ ކަމަށް ވިދާޅުވިއެވެ.

"19 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އޮތީ ފެސިލީޓީގައި"

އާސިފް ވިދާޅުވީ، އެ މީހާއަކީ ރަށުގައި އުޅޭއިރު، ހިނގާބިގާވެ އުޅޭ މީހެއް ކަމަށެވެ.

މިހާރު އެރަށުގައި ކޮވިޑް ޖެހިފައި 163 މީހަކު އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު