ރާއްޖެ އިން އިތުރު 1299 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 799 މީހުން ފައްސިވީ މާލެ އިންނެވެ. އެހެންކަމުން މިއަދަކީ މެއި މަހުގެ 16 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ މަދު އަދަދެއްގެ މިހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 487 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި ރިސޯޓްތަކުން އިތުރު 13 މީހަކު މިއަދު ފައްސިވިއެވެ. މިއަދަކީ ފާއިތުވި ހަދުވަސް ތެރޭގައި މާލެ ފިޔަވައި އެހެން ރަށްތަކުން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑް-19 އަށް ޓެސްޓް ކޮށްފައި ވަނީ 5167 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވެފައި ވަނީ %25.14 މީހުންނެވެ.

މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ފާއިތުވި ތިން ދުވަހު ވެސް ވަނީ ހާހަކަށްވުރެ ދަށުގައި ހިފެހެއްޓިފައެވެ. އެހެންކަމުން ބެލެވެނީ މިމަހުގެ 12 ވަނަ ދުވަހު ކާފިއުގެ ވަގުތުތައް އިތުރުކޮށް ކެފޭތަކާއި ރެސްޓޯރެންޓްތައް ބަންދުކޮށް މާލޭގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު ކޮންމެވެސް ވަރަކަށް މަދުވާން ފަށާފައިވާ ކަމަށެވެ.

ކޮވިޑް ޖެހިގެން މިއަދު ރާއްޖެ އިން ތިން މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު