މިހާރު ކޮވިޑް-19 ފެތުރެމުންދާ ގއ.ދާންދޫން ބަލި ޖެހުނު މީހުންގެ އަދަދު 163 އަށް އަރައިފިއެވެ.

އެރަށު ކައުންސިލް ރައީސް މުހައްމަދު އާސިފް "ވަގުތު"އަށް ވިދާޅުވީ، އެރަށުގައި މިއަދާއި ހަމައަށް 163 މީހަކު ކޮވިޑް ޖެހިފައި އެބަތިބި ކަމަށާއި، ފައްސި ވޭދަނަތައް ހުރީ ރަށުގެ 52 ގޭގައި ކަމަށެވެ.

އާސިފް ވިދާޅުވީ، މި ވޭދަނަތަކާއި ގުޅިގެން އެރަށު 97 ގެ ކަރަންޓީންކޮށްފައިވާ ކަމަށެވެ.

އެރަށަކީ 928 މީހަކު ދިރިއުޅެމުންދާ ރަށެކެވެ. އެރަށުގައި މީހުން ދިރިއުޅޭ 207 ވަރަކަށް ގެ އެބަ ހުއްޓެވެ.

އާސިފް ވިދާޅުވީ، މިހާރު ރަށުގައި ދަތިކަމަށް ފާހަގަކުރެވެނީ ގޭހުގެ ދަތިކަންކަމަށެވެ. އިއްޔެ އެރަށަށް ދޯންޏަކުން މަސް ހަދިޔާ ކޮށްފައިވާ ކަމަށްވެސް އާސިފް ވިދާޅުވިއެވެ.

އަދި މިހާރު ރަށުގައި އަންގި ފަދަ އެއްޗެއްސަށްވެސް ދަތިވާކަން ފާހަގަކުރެވިފައިވާ ކަމަށް އާސިފް ވިދާޅުވިއެވެ. މިހާރު ރަށުން މަހަށް ދަނީ އެންމެ ދޯންޏެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ދޯނީގައި ތިބި މީހުން ރަށަށް ނުފައިބާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން އެރަށް މޮނީޓަރިންގ ހާލަތަށް ގެނެސްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު