ހުޅުމާލެ މެޑިކަލް ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންގެ ޢަދަދަށާއި، ބަލިމީހުންގެ ސިއްޙީ ޙާލަތަށް ބަލާއިރު ބަލިމީހުންނަށް ފަރުވާ ފޯރުކޮށްދިނުމަށް ތިބި ނަރުހުންގެ އަދަދު މަދުވުމުގެ ސަބަބުން މިފަދަ ފެސިލިޓީއެއްގައި ބަލިމީހުން އެނދުމަތިކޮށްގެން ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމަގޮތުގައި ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވިދާޅުވެއްޖެއެވެ.

އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ކޮވިޑް-19 އަށް ފަރުވާދޭ ހުޅުމާލެ މެޑިކަލް ފެސިލިޓީއާ ގުޅޭ ގިނަ ޝަކުވާތަކެއް މީޑިއާ މެދުވެރިކޮށް ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން ކޮމިޝަނުގެ ޓީމެއް ވަނީ 2021 މެއި 25 ވަނަ ދުވަހު އެ ފެސިލިޓީއަށް ޒިޔާރަތް ކޮށްފައި ކަމަށެވެ.

މި ޒިޔާރަތުގައި ފާހަގަކުރެވުނު ކަންތައްތައް ފާހަގަކޮށް އެޗްއާރްސީއެމް އިން ނެރުނު ބަޔާނުގައި ވިދާޅުވީ ފެސިލިޓީގައި ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރަނީ ނަރުހުންކަމަށްވާއިރު ޚިދުމަތްދިނުމުގައި ޙަރަކާތްތެރިވާ ނަރުހުން މަދުވުމުގެ ސަބަބުންނާއި، ކޮންމެ ދުވަހަކުވެސް ގިނަ ޢަދަދެއްގެ ބަލިމީހުން އެނދުމަތިކުރުމުގެ މަސައްކަތް މި މުވައްޒަފުން ކުރަމުންދާއިރު އެނދުމަތިކުރާ ބަލިމީހުންނަށާއި ބަލިމީހާގެ އެހީތެރިންނަށް ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ލަސްވަމުންދާކަން ފާހަގަކުރެވިފައިވެއެވެ.

"ބަލިމީހުންގެ ޢާއިލާތަކުން ފޮނުވާ ތަކެތި ބަލައިގަންނަ ވަކި ގަޑިތަކެއް ފެސިލިޓީ ބޭރުގައި ހަރުކޮށްފައިވާކަމާއި، ޢާއިލާތަކުން ފޮނުވާ ކާބޯތަކެއްޗާއި އެފަދަ އެހެނިހެން ތަކެތި ބަހައްޓާ ތަނުގައި އަބަދުވެސް މީހަކު ހުންނައިރު މިގޮތަށް ގެނެވޭ ތަކެތި ވަގުތުން އެ ލޯޑެއްގައި އެކަމަށް ޚާއްސަކޮށްފައިވާ ކޮޓަރިއަށް ގެންދާކަމާއި، ނަމަވެސް އެތަނުން ބަލިމީހާއާ ހަމައަށް އެ ތަކެތި ގެންދަނީ އެޓެންޑެންޓެއް ނުވަތަ ނަރުހުންކަމަށްވުމުން، އެ ފަރާތްތަކުގެ މަސައްކަތް ހުންނަގޮތުން ބަލިމީހާއާ ހަމައަށް ތަކެތި ގެންގޮސްދިނުމުގައި ލަސްވާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ." ބަޔާނުގައި ވިދާޅުވިއެވެ.

ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ޑައެޓީޝަނެއްގެ ލަފާގެމަތިން އެ މީހެއްގެ ބައްޔާގުޅޭގޮތުން ކެއުން ފޯރުކޮށްދޭކަމާއި، ކޮންމެ ގަޑިއަކަށް ކެއުން އޯޑަރ ކުރާއިރު، އެވަގުތެއްގައި ފެސިލިޓީގައި ތިބި ބަލިމީހުންގެ ބޭނުންތަކަށް ބެލުމަށްފަހު ކުރިކަމުގައިވިޔަސް، މިފަދަ ތަނަކުން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ފޯރުކޮށްދޭ ކެއުމަކީ ބަލިމީހުންގެ ޙާލަތަށް ރިޢާޔަތްކުރާއިރު، އެންމެ އެކަށީގެންވާ ކެއުމެއްނޫންކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެޗްއާރްސީއެމް އިން ވިދާޅުވިއެވެ.

އޭގެއިތުރުން، ބަލިމީހުން މިހާރު ތަހައްމަލުކުރަމުންދާ ވޭނުގެ އިތުރުން އެހެން އުނދަގޫތަކާ ކުރިމަތިލާންޖެހޭކަން ބައެއް ބަލިމީހުންނާއި ބަލިމީހުންގެ އެހީތެރިން ދީފައިވާ މަޢުލޫމާތުން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އެޗްއާރްސީއެމް އިން ވިދާޅުވިއެވެ.

މި ފެސިލިޓީއަކީ ކޮވިޑް-19ގެ ބަލިމަޑުކަމަށް ފައްސިވާ މީހުން އެކަނި އެޑްމިޓްކޮށްގެން ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ ތަނަކަށް ވީނަމަވެސް އަމިއްލައަށް ނޫޅެވޭ ވަރުގެ ބަލިމީހުންގެ އެހީތެރިންވެސް މިހާރު ތަނުގައި ތިބޭކަމާއި، މިހެންވުމުގެ ސަބަބުން ތަނުގެ ޖާގައަށްވުރެ އިތުރަށް މީހުން ވޯޑުތަކުގައި ތިބެންޖެހުމުގެ ސަބަބުން އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުތައް ނުބެހެއްޓޭކަމަށް ވެސް ކޮމިޝަނުން ވިދާޅުވިއެވެ.

އަދި ބަލިމީހުންގެ މަޢުލޫމާތު ޢާއިލާތަކަށް ފޯރުކޮށް ދިނުމަށް ވަކި ފަރާތެއް ހަމަޖައްސާފައި ވީނަމަވެސް އެ ފަރާތަށް ވޯޑުތަކުން މަޢުލޫމާތު ލިބުން ލަސްވުމުގެ ސަބަބުން އެންމެ އެދެވޭގޮތުގައި ޢާއިލާތަކަށް ބަލިމީހާގެ މަޢުލޫމާތު ފޯރުކޮށް ނުދެވޭކަން ކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ.

މި ޒިޔާރަތުގައި ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމުގެތެރެއިން ބައެއް ކަންކަން ވަކި މައްސަލަތަކުގެ ގޮތުގައި ލޮޖްކޮށް ބަލަމުންދާ ކަމަށް ކޮމިޝަނުން ވިދާޅުވިއެވެ

އެޗްއާރްސީއެމް އިން ވިދާޅުވީ މި ކޮމިޝަނުން ދަނީ ގައުމުގައި ދިމާވާ މިފަދަ ހައްސާސީ މައްސަލަތައް ވަރަށް ގާތުން ބަލަމުން ކަމަށާއި އަދި އާންމުންނާ ގުޅުންހުރި މިފަދަ މަޢުލޫމާތުތައް ހޯދާ ވީހާވެސް އަވަހަށް ރައްޔިތުންނަށް ލިބެން ޖެހޭ ހައްޤުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ކޮމިޝަންގެ އަމާޒެއް ކަމަށެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ނިޔާވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ރައްޔިތުންގެ މަޖިލީހަށް ވެސް މިހާރު ވަނީ މައްސަލައެއް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޒިންމާ

    މާސިންގާ ގައުމަކަށް 300 ވަރަކަށް މީހުންގެ ފެސިލިޓީއަކަށް ބޭނުންވާ ކަންކަން 1 އަހަރަށްވުރެ ދިގު މުއްދަތެއް ވޭތުވެގެންދިޔައިރު ފުރިހަމަ ނުކުރެވުނީމާ އެކަމަގެ ޒިންމާ ނަގަންޖެހޭނީ އަހަރެންތަ، ކަލޭތަ، އޭނާތަ! އަލަށް ބަޔަކު ނަގައިގެންވެސް 1 އަހަރު ދުވަހަކީ މިކަހަލަ ހާލަތެއްގައި ބަޔަކު ބޭނުންކުރެވޭނެ މިންވަރަށް މީހުން ތަމްރީނު ކުރެވޭނެ މުއްދަތެއް ނޫންތަ!

    34
    1
  2. ތަމްރީނު

    ކޮންމެ އަހަރަކު މިދޭ މަތީ ތަޢުލީމުގެ ފުރުޞަތުތަކަށް ނަރުހުންނަށް ޚާއްޞަ އަދަދެއް ކަނޑައަޅައިގެން ޚާއްޞަ ގޮތަކަށް ދޭނަމަ ގައިމު މިކަމަށް ހައްލެއް އަންނާނެ. މިގައުމުގައި ކިޔަވައިގެން ނުކުންނަ ހީވާގި ލޮބުވެތި ދަރިވަރުން ތިޔަ ކަމަށް ތަމްރީނުވެފައި ތިބޭނީ. ބޭނުމެއް ޖެހޭ ދުވަހެއްގައި އެމީހުންގެ ބޭނުން ހިފޭނެ. މާބޮޑަށް ދަންނަ ބަޔަކު ތިބެގެން ހިތުހުރި ގޮތަކަށް ކަންކަން ކުރީމާ އޭގެ ހިތި މިފެންނަނީ. މިގައުމަށް މުހިންމު ކަންކަން ދޫކޮށްފައި އެހެން ކަންކަމަށް މީހުން މި ތަމްރީނުކުރަން ލޯނު ދީފައި އަބަދާއަބަދު މިގޮވަނީ ނަރުހުން ނެތޭ. ނެތޭ ނެތޭ ގޮވައިގެން ކަމެއް ހައްލުވޭތަ! ފެމިލީ ހެލްތް ވޯކަރުން ތަމްރީނު ކުރީ މިގޮތަށް. ނަތީޖާއަކީ ޝިގެއްލާ ފަދަ ބަލިތައް ރާއްޖެއިން ނެތިގެން ދިޔުން.

    22
    2
  3. އަހަންމަދު

    އެޗްއާރސީއެމްއިސްތިއުފާ! ތިޔަަތަންއޮޕަރޭޓްކުރަންފެށުމުގެކުރިންތިތަނަކީއިންސާނުންނަށްޚިދުމަތްދެވޭފެންވަރުގެތަނެއްތޯކަލޭމެންބަލަންޖެހެއޭ! ބަކަރިނުކުގެންދިޔައިމަކޮށީގެފުޅަލިލެއްޕުމެބޭނުމެއްނެތް! ނާގާބިލް! ފެންވަރުނެތް! އިސްތިއުފާ! އަވަސްކުރޭ!

    12
  4. ސަލްމާނު

    ސަރުކާރުގެ ދޯދިޔާކަން ފެނިގެން މިދިޔައީ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ނިކަމެތި ރައްޔިތުމީ ހާއަށް ބޭނުންވާ އެ ހީ ތެރިކަން ނުލި ބުމަކީ ކި ހާ ހިތާމަ ހުރިކަމެއްތޯ.

    14
  5. ނަރުސް

    ނަރުސް މާބޮޑަށް ޑޮކްޓަރުވެގެން އުޅޭތީ އަޅާނުލެވެނީ ފެންވެރުވުން ގުއިދޮއްވުން މަސާޖުކޮށްދިނުން ޑޮކްޓަރު ލިޔެދޭ ބޭސް ގަޑިޔަށް ދިނުން ދޫކޮށް ކަށިގަނޑު އަޅައިގެން ފޮޓޯނަގާފަ ކޮވިޑް އެލެވަންސް ނަގަން ތިބެނީ

    8
    4
  6. މަހާޖައްރާފު

    ބަލަ ޔޫސުފު. މިވެރިން ގައުމުގެ ބައިތުލް މާލު ކޮޅުގޮ ހޮރަށް ފެން ފޮދަ ކާނުލާ ދިރުވައި ލުން ކުރެވޭ ހައިވެސް ކަމަކީ ރައްޔިތުންނަށް އޯގާތެރި ބަޔަކު ތިބިނަމަ އެއް އަ ހަރާ ބާދުވަސް ވީއިރު ރަގަޅު ކުރީސް.

    14
  7. އަބޫ

    ބޮޑު މުސާރަ ދިނީމަ ކަންކަން ކުރެވޭނެ މީހުން ލިބޭނެ. ސިއްހީ ހިދުމަތަށް ވޮލަންޓިއަރުން ހޯދަންއުޅޭތީވެ މިކަން ނުވަނީ. ސިޔާސީ މަގާމްތަކަށް ދޭ ފަދަ ބޮޑު މުސާރައާ އެކު މީހުންލިބޭތޯ އިއުލާން ކޮށްބަލަ. އެއިރުން މައްސަލަ ހައްލުވީ

    13
  8. rahyithumeehaa

    މިހާލަތަށް ގައުމު ވެއްޓި، ކުކުޅުކޮށްޓަކުން ހާ ކުކުޅު މަރުވާ ބީދައިން އިންސާނުން ހަނާވެ، ދުވާލަކު ދިހަބާރަ ފުރާނަ ގެއްލި، ބަލިމީހުނާ އާއިލާ ކަންބޮޑުވެ ރޮއި އާދޭސްކުރަމުން ދިޔައިރުވެސް ތި އެޗް.އާރު.ސީ.އެމް ނިދާފައޮވެފަ، ދެން ޒިންމާދާރުކަމެއް ނެތް ކޮން ހާސަރެއް ކިޔަންތަ؟ ކަރޯކޭ ޖެއްސޭތޯ ބަލާ.

    18
  9. އެމަންޖެ

    މިސަރުކާރަކީ ފެއިލް ވެފަ އޮތް ސަރުކާރެއް އިސްތިއުފާ.

    12
  10. އަފޭ

    އެހެން ވީމައެއްނޫން ޑޮކްޓަރުންނާއި ސިއްހީ މާހިރުން ބުނަމުން ދިޔައީ ކޮންޓްރޮލް އިން ނެއްޓުނީމަ ނުބެލޭނެ ވާހަކަ އެކަމަކު ވެރިންނައް ތިބި ބަޔަކައް އަޑެއް ނުއިވުނުއެއްނޫން ކޮއިޑްގައި މަރުވާ މީހުންންގެ ޒިއްމާ ވެރިންނައް ތިބި ބަޔަކު ނަގަން ޖެހޭނެ

  11. އމ

    މައިމޫ އަދިކިރިޔާހ ހޭއެރީ ދޮޅުއަ ހަރު ލާރ ކާކާނިދީ ހ

  12. ޒީ

    ފެސިލިޓީއާއި އެއްކޮޅަށް ވަކާލާތު ކޮށްފައިވާހެން ހޭވަަނީ، ހިއުމަރައިޓްސް ކޮމިޝަންގެ އަމާޒަކަށް ވާންޖެހޭނީ މިނިވަން މުސްތަޤިއްލު އިވެސްޓިގޭޝަންއެއް ކުރުން، ހިވަނީ ހިއުމަންރައިޓްސްއަށް މަޤާމުވެސް އޮޅިފައިވާހެން.
    މަރުވިމީހުންގެ ޢާއިލާއިން ފެށިގެން މިނިވަން މުޞްތަޤިއްލު ތަޙްޤީޤެއް ކުރެވިގެން ނޫނީ މިބާވަތުގެ ކަންކަން މިޤައުމުން ނެތިގެން ނުދާނެ، ވަކިމީހަކަށް ބެލުމެއްނެތި، ކޮމިޝަންގެ ޒިންމާ އަދާކުރަން ޖެހޭ. މި ރިޕޯޓަކީ ޑްރާމާ ޒީރޯ ރިޕޯޓެއް. ހުރިހާ ރައްޔިތުންނަށް އެނފައިވާ މިންވަރަށް، ކޮމިޝަނުން ރިޕޯޓެއް ޢާއްމު ކުރުމަކީ، ކޮމިޝަންގެ ނާޤާބިލުކަން ދޭހަވާ ރަމްޒެއް.

  13. ޒީ

    ކޮބާ މަ ލިއުނު ކޮމެންޓް

  14. ދިވެހިން

    ތިތަންބަންދުކުރޭ

  15. ހަގީގަތް

    ހާލުން ގޭހައި ކައްކައިގެން ގެންދާ ބަތްޕެންކޮޅު ނަރުހުން ނުބައި އެދަކަށް އެބަދޭ

  16. ކޮރަލް

    މީހުން މަދު ކުރިއަސް ތަނުގެ ހާލަތު ކެމެރާ ހަރު ކޮށްގެން ބެލޭނެ އެވެ. އެއީ ޖަލެއް ނޫނެވެ.