ރަޝިއާ އިން އުފައްދާފައިވާ "ސްޕަޓްނިކް ވީ" ވެކްސިން ރާއްޖެ އަށް ވީހާވެސް އަވަހަށް ލިބޭނެ ކަމުގެ ޔަގީން ކަން ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފްއާ ރޭ ދެއްވައިފިއެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ މަޝްވަރާ ކުރައްވައިފައެވެ.

ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވި ގޮތުގައި ޝާހިދު، ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފްއާ ފޯނުން ރޭ ވާހަކަ ދައްކަވައި ކޮވިޑްގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރާއެކު ކުރެއްވި މަޝްވަރާތަކުގައި ޝާހިދު ވަނީ ކޮވިޑްގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކާ އަދި މިހާލަތުން އަރައިގަތުމަށް ކުރެވޭ މަސައްކަތާ ބެހޭ ގޮތުން ރަޝިއާގެ ފޮރިން މިނިސްޓަރަށް މައުލޫމާތު ދެއްވައިފައެވެ. އަދި ރަޝިޔާއިން ވެކްސިން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި، ވީހާވެސް އަވަހަކަށް ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރަޝިޔާގެ ފޮރިން މިނިސްޓަރު ވަނީ މިނިސްޓަރު ޝާހިދަށް ދެއްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ދެ ގައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ޚާރިޖީ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

ރައީސް އޮފީހުގައި އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރަޝިއާ އިން އުފައްދާފައިވާ ވެކްސިންގެ 200،000 ޑޯޒް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިހާރު އެކަން އޮތީ އެގްރީމެންޓުގައި ސޮއިކުރުމުގެ މަރުހަލާގައި ކަމަށް ރައީސް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ، ސޮއިކުރާތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެކްސިންގެ ޝިޕްމަންޓް ރަޝިޔާއިން ރާއްޖެ ފޮނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރޯ

    ވެކްސިނުންވެސް އަދި ވެންޓިލޭޓަރުންވެސް ވަރަށް ވައްކަން ކޮށްފި. ތި ބުނާ ރަޝިޔާ ވެކްސިން ލިބުނަސް ޖަހާނީ އިންޑިޔާއިން ޓްރާންސިޓް ވާން އަންނަ މީހުންނަށްހެން ހީވަނީ. މިއޮއްފަދަ ނުރައްކާތެރި ބަލިމަޑު ކަމުގަވެސް ސަރުކާރުގެ އެކި ވުޒާރާ ތަކުން ކުރީ ހަމަ ވައްކަން. ވެރި މީހާގެ ނަގުލައި ދަޅު ހުރެގެން ނޫނީ ދިވެން މައިތިރިއެއް ނުކުރެވޭނެ.

    5
    1