އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމުގެ ބަދަލުގައި އެސިޓީގެ ހޮސްޕިޓަލުން ލިބޭ ހިދުމަތްތައް އިތުރުކޮށް، ފެންވަރު ރަނގަޅު ތަނަކަށް އެތަން ހެދުން މުހިންމު ކަމަށް ސިފައިންގޭގައި އެތައް އަހަރަކު ޚިދުމަތް ކުރާއްވާފައިވާ ކެޕްޓަން ރިޓަޔާޑް އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިގޮތަށް ވިދާޅުވެފައިވަނީ އިންޑިއާ ސަރުކާރުން އައްޑޫގައި ކޮންސިއުލޭޓެއް އަޅަން ނިންމައި، އެކަމާއި މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

"ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ، އިންޑިއާ ސަރުކާރުން ވަކި ގޮތެއް ނިންމާއިރަށް ރާއްޖޭގެ ހުރިހާ މަޖިލިސް މެމްބަރުންނާއި މިނިސްޓަރުންނަށް އެވަރު ކަމެއް ނެތްކަން ދެއްކުން އެއީ އެންމެ އެދެވޭ ގޮތެއް ނޫން ކަމަށާއި މިހާރު ފެނިގެން ދަނީ އެއްވާމަކަށް ހުރިހާ މިނިސްޓަރުންނާއި މެމްބަރުން އެކަމަށް ތާއިދުކޮށް ޓުވިޓު ކުރަމުން އަންނަ ތަން ކަމަށެވެ. އަދި އެކަން އެގޮތަށް ކުރައްވަނީ އިންޑިއާގެ ނުފޫޒުން ކަމަށް އިހުސާން ސިފަ ކުރެއްވިއެވެ.

"މިކަހަލަ ހައްސާސީ ކަންކަމަކީ މިއީ އެމްޕީންނާއި މިނިސްޓަރުން ކުއްލިއަކަށް އަރާ ޓުވިޓާގައި އެއްބަސްވެ، އާ މިވަރު ކަމެއް ނެތޭ ބުނަން ޖެހޭ ކަންކަމެއް ނޫން. މިއީ އޮޕެން ފޯރަމްތަކުގައި ދާން ޖެހޭ ޑިސްކަޝަންތައް ގޮއްސަ ނިންމަން ހުންނަ ކަންކަން މިހުންނަނީ" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރާއިރު، އެސިޓީގައި އެގައުމުގެ އެހާ ބައިވަރު ރައްޔިތުން ނޫޅޭ ކަމަށެވެ.

"ކޮންސިއުލޭޓެއް ހުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ އެގައުމެއްގެ ރައްޔިތުންނަށް ހިދުމަތް ދިނުން. އައްޑޫގައެއް ނެތް އިންޑިއާގެ އެހާ ބައިވަރު ރައްޔިތުންނެއް ހިދުމަތް ނުލިބިގެން އުޅޭ. ހިދުމަތް ނުލިބިގެން އުޅޭ ގިނަ ރައްޔިތުންނަކީ ބަންގްލަދޭޝްގެ ރައްޔިތުން. ކުންފުނިތަކުން ގެންގުޅެނީ ވެސް ބަންގަލަދޭޝްގެ މުވައްޒަފުން" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، އައްޑޫ ރައްޔިތުންނަކީ އަބަދު ވެސް ބޭސްފަރުވާއަށް ބޭރަށްދާ ބައެއް ކަމަށާއި އެހެން ކަމުން ކޮންސިއުލޭޓެއް ގާއިމު ނުކޮށް ހޮސްޕިޓަލުން ލިބޭ ހިދުމަތް ރަނގަޅު ކުރުން މާ ރަނގަޅު ކަމަށެވެ. އަދި އެކަން ކުރުމުން ވިސާ ހޯދަން އެއްވެސް ވަރަކަށް ދާކަށް ވެސް ނުޖެހޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫ އަތޮޅަކީ ރާއްޖޭގެ ކޮންމެ އަތޮޅެއް ނޫން ކަމަށާއި އިސްތިރާޖީ ގޮތުން އެއީ ވަރަށް މުހިންމު ތަނެއް ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އައްޑޫ

    އައްޑޫ ރައްޔަތުން ބޭނުމެއް ނޫން . އައްޑޫ ވިއްކާލަން. ސޭވް އައްޑޫ

    12
  2. ކު ދު ކަލޯ

    އައްޑޫ ތަރައްގީ އަށް ހުރަސް އަޅަނީ މާލެ އަށް ހުރި ހާ ވިޔަފާރި އަށް ޖަމާކޮށްގެން އުޅޭ އައްޑު މީ ހުން

    9
    1
  3. މިލިޓަރީ

    ކޮބާތަ އޮނަރަބަލް އަފީފު ދީދީ ރާކަނިމަސް ކެވިއްޖެނުން.

  4. Anonymous

    ޝުކުރިއްޔާ އިޙްސާން ސަރ.
    މިގައުމުގައި 30 އަހަރު ވެރިން ކުރި މީހުން މިވެރިކަން ގެންނަށް ފައިމުޑި ވިއްދާފައި މިއަދު ހަމަ ބަހެއް ވެސް ނުކިޔާ . ކޮބާތޯ ޝެއިޚް އިލްޔާސް ޒައިދު އިމްރާން. ޑރ. ޢިޔާޟު .
    އިޙްސާން ސަރ މެންނަށް ވަރުވެސް ނުވާކަމީ ދެރަވަރުކަމެއް. ގެރިމޯދީގެ ލާދީނީ އެޖެންޑާ މިތާ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ފަތުރަށް ފުރުޞަތު ދީގެން ތިބެނި ފަހެ ކީއްވެ ތޯ

  5. ސުލައިމާން

    އައްޑުގައި ކިހާބާދީއެއް އޮތް، ބިމުގެ ގޮތުން ކިހައި ބޮޑުތަނެއްތޯ މިއީ އަދި އިންޑިޔާގެ ކިހާރައްޔިތަކު އުޅޭ ތަނެއްތޯ؟ އަޅުގަނޑަށް ހަަމަ އެއްގޮތަކަށްވެސް ނުވިސްނުނު އެތަނުގައި ވަކިން ގައުމުތަކުގެ ކައުންސިލޭޓްތައް ހަދަންވީ ސަބަބެއް. މިރާއްޖެއަށް ފުދޭނެކަމަށް ފެންނަނީ ކޮންމެ ޤައުމެއްގެވެސް އެއް މިޝަން އޮފީސް. އެއީ ކޮންމެތާކު ބެހެއްޓިކަމުގައި ވިޔަސް. މިހާރު މިއޮތީ އޮންލައިން ޒަމާން އައިސްފައި. އެވެރިން ގާތު ބުނަމާ އޮންލައި އައްޑޫ ކައުންސިލޭޓް އޮފީހެއް ހަދައިދޭން.
    ވިސްނާ ހޭ އަރައި ތިބޭތި، ތިޔަކަމުގައި އޮތީ ހަމަ ފޮރުވިފައި ހުރި ގިނަ ސިއްރުތަކެއް. ލިބޭނެ ކުޑަ ފަސޭހައަކަށްވުރެން ދުރު މުސަތަގުބަލުގައި ލިބޭން އޮންނާނެ ގެއްލުމެއްބޮޑުވާނީ. މަލިކަށް ވެގެން އެދާ ގޮތް، އަދި މިފަހުން އެތަނަށް ފާސްކުރި ކަންކަމާއިމެދު ވިސްނާލާތި.
    ކައުސިލޭޓެއް ހުރުމުން ޝަރަފެއް ލިބޭކަމަށް، ތަރައްޤީވާނެކަމަށް ވިސްނާ ބަޔަކު އުޅެދާނެ އެެހެނަސް އޮޅުދޫކަރައިގެ މީހުން އެވެރިންނަށް 99އެތި ލިބުނިއްޔާ އެކަތި ދޫކޮށްލާނެ ބަޔެއް އެއީ. މިހާރުވެސް މިގައުމުގައި އެވެރިންގެ ހަންފަތުރާގައި އޮތް މިންވަރުން އަހަރެމެންނަށް މިއުޅެނީ އަނގަވެސް ހުޅުވާނުލެވިގެން. އެގައުމުގެ މީހަކު ކިތަންމެބޮޑު ކުށެއްކުރިޔަށް ހަމަ މިޖެހެނީ ސަނާކިޔާފައި، މަޑުމަޑުން ވަލުދޮރޯރިން ރަށަށް ފޮނުވާލަން.....

  6. ސުލައިމާން

    އިންޑިޔާއިން ރާއްޖެގައި އިތުރު ކައުސިލޭޓް ހަދާއިރު ދިވހެިން ޓްރިވެންޑްރަމަށް ގޮސްފުރަންޖެހޭ ސީ ފޯމަކުން އަރައިނުގަނެވިގެން އުޅެން މިޖެހެނީ. އެއް ހޮޓަލުން އަނެއް ހޮޓަލަށް، ހޮސްޕިޓަލެއްގައި އެޑްމިޓްވިޔަސް... އެކަމު މިގައުމުގައި އެވެރިން އައިސް ހަމަ އެއްގެއިން އަނެއްގެއަށް ދުވެ ނަގަނީ އަންގަންޖެހޭތަނެއް ފުރަންޖެހޭ ފޯމެއްނެތް. މިއޮއްފަދަ ކޮވިޑުގައި އެވެރިންގެ ޓީމެއްއައިސް އުސޫލުތަކޢި ޙިލާފަށް ރަށުތެރޭގައި އުޅުމުން ކުރެވުނު އެއްކަމެއްނެތް.

  7. ރިއަލް

    ބަލަ އައްޑޫ 1887 ވަނަ އަހަރު އިގިރޭސިންނަށް 100 އަހަރަށް އޭރުގެ ސަރުކާރުން ދިން ޒަމާނަކީ އިސްތިއުމާރު ގެ ޒަމާން އެކަމަކު އައްޑޫގެ ދީނަކަށް ސަގާފަތަކަށް ބަދަލެއް ނާދޭ 1976 ވަނަ އަހާރު ނިމި 100 އަހަރަށް ދިޔަ އިރު ވެސް! މި ޒަމާނަކީ އިސްތިއުމާރު ކުރެވޭ ޒަމާނެއް ނުން! ދެން ކިހިނެތްތޯ އިންޑިޔާ އަށް އިސްތިއުމާރު ކުރެވޭނީ! މީހުން ވާ ވައްދާނެ ކަމެއް ނެތް! ކޮންސިއުލޭޓް ހުރުމަކުން އަދި އިންޑިޔާ ގެ އަސްކަރިއްޔާ އޮތުމަކުން ވެސް އަތޮޅަށް ކުރާނެ ގެއްލުމެއް ނެތް! ވާނީ ފައިދާ! ގިނަ މީހުން ނަށް ޑިޕްލަމަސީ ނޭގޭތީ އަސްލު އެބަޔަކު ހެއްލެނީ މި ކަހަލަ ވާހަކަ ތަކުން!