ހއ. އިހަވަންދޫގައި ކަރަންޓީނު އުސޫލާއި ހިލާފުވި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އިހަވަންދޫ ކައުންސިލްގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ފައްސިވެފައިވާ މީހާ އުސޫލުތަކާއި ހިލާފުވެގެން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، އޭނާ ކަރަންޓީނުގައި ހުރެ ގިނަ ބަޔަކާއި ދިމާވެފައިވާ ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އެހެން ކަމުން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވެފައިވާ މީހާ ވަނީ މިއަދު ހުކުރު ނަމާދަށް ވެސް ގޮސްފައެވެ. އެހެން ކަމުން ގިނަ ބަޔަކާއި އޭނާ އާއި ބައްދަލުވެފައި ހުރުން އެކަށީގެންވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، ރަށް މިހާރު އޮތީ ވަރަށް ނުރައްކާތެރި ހާލަތަކަށް ގޮސްފައި ކަމަށާއި އެހެން ކަމުން ރައްކާތެރިކަމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އެރަށުގައި އިއުލާނު ކުރާނެ ކަމަށެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުން އަންނަ މިދަނޑިވަޅުގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އެގޮތުން މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތަކުގައި ކާފިއު އިއުލާނު ކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖެއިން މިހާތަނަށް 60،943 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 35،365 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު 25،419 މީހަކަށް ފަރުވާ ދެމުން އަންނައިރު، 270 މީހަކަށް ފަރުވާ ދެމުން އަންނަނީ ފެސިލިޓީތަކުގައި އެނދުމަތި ކޮށްގެންނެވެ.

ރާއްޖެއިން މި ބަލި ޖެހިގެން 155 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑެޑީ

    ކަރަންޓީން އުސޫލާ ކީއްވެ ހިލާފުވަނީ، ޖޫރިމަނާ ކޮއްލަބަ ތަންކޮޅެއް ބޮޑުކޮން، މިހާރު ތިކަން ވަރައް މައްޗަައް ގޮއްސި،
    ދަރަވަންދޫއިން ވެސް ކަރަންޓީން މުއްދަތު ހަމެވެ ނަތީޖަ ނުލިބެނިސް ނިކުމެ ރަށް މޮނީޓަރިންއައްލާފަ، އެކަމު އެބަގާޅު މިހާ ޖޫރިމަނާވެސް ނުކުރޭ،

  2. ރާނާ

    އެމްޕީ ހާސިމް، ތެޔޮ ތުއްތު މަނިކު
    ހަމަ އަތްޖަހާފަ ބުނައްވީތަ މިވެސް ޒާތީވުމޭ.....