ކ. ހިންމަފުށިން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 600 އަށް ވުރެ މައްޗަށް އަރައިފިއެވެ.
ހިންމަފުށީ ސިއްހީ މަރުކަޒުން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަދު އެކަނި ވެސް 74 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއީ ހިންމަފުށީގައި ކޮވިޑް ފެތުރެން ފެށި ފަހުން މިހާ ގިނަ ބަޔަކު އެއް ދުވަސް ތެރޭގައި ބައްޔަށް ފައްސިވި ފުރަތަމަ ފަހަރެވެ.
މިއާއެކު، ހިންމަފުށިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 643 އަށް އަރައިފައެވެ.
ހިންމަފުށީގައި މި ފަހުން ކޮވިޑް ފެތުރެމުން އަންނަ ކަމަށް ބަލާފައި އެ ރަށަށް އަރައި ފޭބުން މަނާކޮށްފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެ ދުވަހު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މާލެ ދިޔަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރެކެވެ.
އޭގެ ފަހުން، މިހާތަނަށް އައިއިރު އެ ރަށުން ނެގި 1،419 ސުންކުގެ ތެރެއިން 623 ސުންކު ކޮވިޑް-19 އަށް ވަނީ ނައްސިވެފައެވެ. ނަތީޖާ ނުލިބޭ 58 މީހެއްގެ ސުންކެއްވާ އިރު، ނަތީޖާ ކަށަވަރު ނުވާ 95 ސުންކެއް ހިމެނެއެވެ.
މި ބަލި ޖެހުނު މީހުންގެ ތެރެއިން 295 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލީގައި މިވަގުތު ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 346 އަށް އަރައެވެ. ހިންމަފުށިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ވަނީ ނިޔާވެފައެވެ.
ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ ދިވެއްސަކާއި ބިދޭސީއެކެވެ. އެ ދެމީހުން ނިޔާވެފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށެވެ. އެ ބަލީގައި ނިޔާވި ދެ މީހުންގެ ތެރެއިން ދިވެހި މީހާއަކީ އުމުރުން 39 އަހަރުގެ އަންހެނެކެވެ.
ހިންމަފުށީގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.
ރާއްޖެ އިން މިހާތަނަށް 60،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 155 މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 35،365 މީހުން ބަލިން ރަނގަޅުވި އިރު، ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 25،000 އަށް ވުރެ މައްޗަށް އަރައެވެ.
ކޮވިޑް ޖެހިގެން މިވަގުތު އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 270 މީހުންނަށެވެ.
ނޫން! ޖެހިފަ ތިބި މީހުންނާ އެއްކޮށް އުޅެން ޖެހެނީ. ގައިދީންނަށް ވަރަށް ފަރުވާ ކުޑަ އޮފިސަރުން ކަންތައް ކުރާ ގޮތް.