ކ. ހިންމަފުށި އައްސޭރި ޖަލުން 80 ގައިދީން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން މިރޭ ބުނެފިއެވެ.

ހިންމަފުށީ ސިއްހީ މަރުކަޒުގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ ހިންމަފުށިން ކޮވިޑް ޖެހުނު 643 މީހުންގެ ތެރެއިން 80 ގައިދީއަކު ކޮވިޑަށް ފައްސިވި އިރު، އެމީހުންގެ ހާލަތު ގާތުން މޮނިޓަ ކުރަމުން އަންނަ ކަމަށެވެ. އަދި އެއްވެސް މީހެއްގެ ހާލު އަދި ސީރިއަސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އައްސޭރި ޖަލުގެ އިތުރުން ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރު (ޑީޓީއާރުސީ) ގައި ފަރުވާ ހޯދަމުން އަންނަ 31 މީހަކު ވެސް ކޮވިޑަށް ފައްސިވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ރަށުން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސްވެގެން ރިޕޯޓުކޮށްފައެއް ނެތް. އެކަމަކު، ހުރިހާ އެންމެންގެ ވެސް ހާލު ބަލަމުން މި ދަނީ،" ހިންމަފުށީ ސިއްހީ މަރުކަޒުގެ އޮފިޝަލް ވިދާޅުވިއެވެ.

ހިންމަފުށީގައި މި ފަހުން ކޮވިޑް ފެތުރެމުން އަންނަ ކަމަށް ބަލާފައި އެ ރަށަށް އަރައި ފޭބުން މަނާކޮށްފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެ ދުވަހު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މާލެ ދިޔަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރެކެވެ.

އޭގެ ފަހުން، މިހާތަނަށް އައިއިރު އެ ރަށުން ނެގި 1،419 ސުންކުގެ ތެރެއިން 623 ސުންކު ކޮވިޑް-19 އަށް ވަނީ ނައްސިވެފައެވެ. ނަތީޖާ ނުލިބޭ 58 މީހެއްގެ ސުންކެއްވާ އިރު، ނަތީޖާ ކަށަވަރު ނުވާ 95 ސުންކެއް ހިމެނެއެވެ.

މި ބަލި ޖެހުނު މީހުންގެ ތެރެއިން 295 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލީގައި މިވަގުތު ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 346 އަށް އަރައެވެ. ހިންމަފުށިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖެ އިން މިހާތަނަށް 60،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 155 މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 35،365 މީހުން ބަލިން ރަނގަޅުވި އިރު، ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 25،000 އަށް ވުރެ މައްޗަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު