ޖަރުމަނު ލީގުގެ ބަޔާން މިއުނިކަށް ކުޅުނު އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެއްޖެއެވެ.

އުމުރުން 28 އަހަރުގެ އަލަބާ ވަނީ ރެއާލް މެޑްރިޑާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަލްބާ ރެއާލް އަށް ބަދަލުވީ ފްރީ ޓްރާންސްފާއެއްގައެވެ. ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި އަލަބާ ފެންނާނީ ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު އެވެ.

އަލަބާ އަކީ ލެފުޓް ބެކް ،ސެންޓާ ބެކް އަދި ފުލްބެކަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ. އަލްބާގެ ކެރިއަރުގައި އޭނާ ވަނީ ބަޔާން މިއުނިކްގައި 11 އަހަރު ހޭދަކޮށްފައެވެ.

އޭނާ ވަނީ 2008 ވަނަ އަހަރުން ފެށިގެން ކްލަބުގައި ހޭދަކުރި މުއްދަތުގައި ޖުމުލަ 431 މެޗު ކުޅެދީ 28 ތަށި ވަނީ ކުލަބަށް ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި އެންމެ ފާހަގަ ކޮށްލެވެނީ ކުލަަބަށް ހޯދާދިން ދެ ޗެމްޕިއަންސް ލީގު ތައްޓެވެ.

ޔޫރަޕުގެ ގިނަ ކުލަބުތަކުން އަލްބާ ބޭނުންވާއިރު އަލްބާ އިހްތިޔާރު ކުރީ ރެއާލް މެޑްރިޑެވެ. އަލަބާ ރެއާލް އަށް ބަދަލުވިއިރު އެ ކްލަބުގެ ކެޕްޓަން އަދި ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ރެއާލް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ މަހު ހަމަވާނެއެވެ.

ރެއާލްގެ ކޯޗުކަމުން ޒިދާން ކުލަބް ވަކިވެފައިވާއިރު ކެޕްޓަން ރާމޯސް ކޮންޓްރެކްޓް އާކުރުމާ ގުޅޭ ވާހަކަތަކަށް މާބޮޑު ކުރިއެރުމެއް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރެއާލްގެ ކޯޗުކަމުން ޒައިނުއްދީން ޒިދާން ވަކިވުމާ ގުޅިގެން އަދި ކޯޗެއް ކުލަބަށް ހަމަޖައްސާފައެއްނުވެއެވެ. ނަމަވެސް ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ވެސް ވަރަށް ހަލުވިކަމާއެކު ކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން ރެއާލުން ދަނީ އިންޓަ މިލާނުގެ ކޯޗުކަމުން ދާދިފަހުން ވަކިވި އެންޓޯނިއޯ ކޮންޓޭ ގެނައުމަށް މަސައްކަތް ކުރަމުންނެވެ.