އެސެޓް ރިވަކަވަރީ ކޮމިޝަނުން އެކުލަވާލި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތު ކުރެވޭ ލިސްޓުގައި ނަން އޮތް ސަރުކާރުގެ މަގާމުގައި ތިބި ބޭފުޅުން ވަކި ކުރަނީ ދައުވާ އުފުލުމުން ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

މަގާމުތަކުގައި ތިބި މީހުން މަގާމުން ވަކިކުރަން ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން އެ ލިސްޓު ދިރާސާކޮށް އެކުލަވާލާފައިވާ ރިޕޯޓް ފާސްކުރީ 45 މެންބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ ދިން ލަފާއާ މެދު ސަރުކާރުން ދެކޭ ގޮތް ހޯދަން "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ހެކި ހުރި މިންވަރަށް ބަލާފައި މަގާމުން ވަކި ކުރުން ކަމަށެވެ. އެއީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ އުފުލަން ނިންމައި ކްރިމިނަލަށް ކޯޓަށް ހުށަހަޅާ ހިސާބުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދައުވާ އުފުލަން ހުށައެޅުނު ވަކި ފަރާތެއް ނުބަލާނެ. ކޮންމެ ފަރާތެއްވިޔަސް ވަކި ކުރާނެ" މަބްރޫކް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބޭނުންފުޅުވަނީ ލިސްޓުގައި ހިމެނޭ މީހުންގެ މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަށެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ތަހުގީގު ކުރުމަށް ފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ހިޔާނާތުގެ ރިޕޯޓާ ގުޅިގެންވެސް ސަރުކާރުގެ އިސް މަގާމުގައި ތިއްބެވި ބޭފުޅުންނާ މެދު މީގެ ކުރިންވެސް ފިޔަވަޅު އެޅުއްވިއެވެ.

ލިސްޓުގައި ހިމެނޭ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ބޭފުޅުން ތެރޭގައި ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް އަދި ސްޓޭޓް މިނިސްޓަރު އަކްރަމްކަމާލުއްދީން ހިމެނިވަޑައިގަންނަވައެވެ.

ކުރީގެ ފަނޑިޔާރުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ އޭރުގެ އިސްވެރިންނާއި، މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުން ވެސް މި ލިސްޓުގައި ހިމެނެއެވެ.

ދައުލަތުގެ ވަޒީފާތަކުގައި މިހާރު ތިބި 119 މީހެއްގެ ނަން ލިސްޓުގައި އެބަ އޮތެވެ. އޭގެ ތެރޭގައި ވެސް ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަން ކޮށްފައިވާ މަގާމުތަކުގެ އިތުރުން އިންތިޚާބީ މަގާމުތައް ހިމެނެއެވެ. އިންތިޚާބީ މަގާމުތަކަށް ވަކިކުރެވެން އަންނަނީ މައްސަލަ ސާބިތުވެގެން ކަމަށްވުމުން އެ މައްސަލަތައް އަވަސް ކޮށްދޭން މަޖިލީހުން ލަފާ ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކެޔޮޅު

    ބަލަގަ އެމްޑީޕީ މީހަކައް ޕީޖީ ސަމީމު ދައުވާއެއް ނޫފުލާނެ!!

    26
    2
  2. ކާފަބޭ2020

    ތިޔަދައުވާއެއްކުރެވޭއިރު ގިނަމީހުންތިބޭނީ ދުނިޔޭންބޭރުގަނުވަތަކަށްވަޅުގަ ދެން ވަޒީފާއިންވަކިކުރާނީ؟ ތިޔައީ އަމިއްލައަށްއަވަހަށްފުރާށޭކިޔާ ފިލަންދޭވަގުތެއް ދެން ޗިޓުހަވާލުކުރަންހޯދާޗިޓުހަވާލުނުކުރެވި އުޅޭތަނެއްނޭގޭތީ މައްސަލަކުރިއަށްނުގެންދެވޭނެކަމަށްނިންމާފައިލްބަންދުކުރީމަ އެވީ ހަތަރެސްކަންހަމަ ވަﷲއައުލަމް މިނޫންވަރެއް ސޯލިބޭއަކަށްނުވާނެ! ވަކްތުންވަކްތަށްއިސްތިއުފާ!!!!!!!

    16
    3
  3. ބަރުގޮނު

    ސިޔާސީ މަޤާމްތަކުންވެސް ޚިޔާނާތު ގެ މަސްއަލަ އާ ގުޅުވައިގެން ކަމަށްވާނަމަ ހަމަޖެހޭ ރަގަޅު އުޞޫލަކުން ވަކި ކުރެވޭނީ ޝަރީޢަތުން ޙުކުމް ކުރުމުން. ވަކި ކުރަން ބޭނުން ވެއްޖެއްޔާ ޚިޔާނާތާ ނުގުޅުވައިވެސް ހަމަ ވަކި ކުރަންވީ.

    19
  4. އެނގިއްޖެ

    އަހަރެމެންނަށް ހެޔޮ ކޮންމެހެން މަކަރު ނުހެދިޔަކަސް. 'ދައުވާ އުފުލީމަ' މީގެ މާނައަކީ ދައުވާއެއް ނުއުފުލާނޭ. ވ ސާފު.

    10
  5. ކީކޭ

    ސަރުކާރުގެ ސިޔާސީ މަޤާުމުގައި އެބަ ތިބި ހިޔާނާތުގެ ދައުވާގަ ތިބި މީހުން މުސާރަދޭގޮތަށް ސަސްޕެންޑްކޮށްފަ. މީ ކޮން އުސޫލެއް

    10
  6. Anonymous

    އެހެންތަވާނީ ފަހަރެއްގަ އަޑިއަޑިން މަބުރޫކުއަށްވެސް ބައިއަޅާފައި ވެދާނެ މޫނުމަތިން ތަނަވަސްކަމުގެ ކުލަވަރު ފެންނަހެމްހީވޭ

  7. ާައަހުމަދު

    މިދައުރު ނިމުމުގެ ކުރިން ހިޔެއް ނުވޭ ތިދައުވާއެއް ކުރެވޭނެހެން، އެއީ މިހާރުގެ ޕީޖީ އަށް އުނަސުރު ހަމަނުވާތީ، ވެންޓިލޭޓަރ ދައުވާ އަށް ވީގޮތްވެސް ރައްޔިތުންނަށް އެނގޭ.

    11
  8. ހ މ ޒ

    ލިސްޓުން އުނިކުރި އެންމެން ކޮބާ. އެމީހުންނަށް ދޭތެރޭގައި އަމަލު ކުރަންވީ ކޮންގޮތަކަށ!؟