ބައެއް މަގާމުތައް އުވާލައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން އެ ކުންފުނިން ނިންމައިފިއެވެ. އެ ބަދަލާއި އެކު ގިނަ އަދަދެއްގެ މަގާމުތަކެއް އުވައިލާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.

ޕީއެސްއެމްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، އިދާރީ އޮނިގަނޑު އަލުން އިސްލާހުކޮށް ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، އެ މަސައްްކަތް ކުރިޔަށް ދާއިރު ބޭނުންނެތް މަގާމުތައް އުވާލަން ހަމަޖެހިފައިވާ ކަމަށް ފާހަގަ ކޮށްފައިވެއެވެ. އަދި އެ ބަޔާނުގައި ފާހަގަ ކޮށްފައިވަނީ ކަންބޮޑުވާ މިންވަރަށް ކުންފުނީގެ ދަރަނި އިތުރުވެފައިވާ ކަމަށާއި، ކުންފުނިން ކުރަންޖެހޭ ހަރަދު ބޮޑުވެފައިވާ ކަމަށާއި، މިވަގުތަށް އެ ކުންފުންޏަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް މުވައްޒަފުން އެބަތިބި ކަމަށެވެ.

ކުންފުނީގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކޮށް މޯޓިވޭޓް ކުރުމުގެ ގޮތުން އެކި އެކި ސިޔާސަތުތައް ތައާރަފްކޮށް އިންތިޒާމް ކުރުމުގެ ކަންތައްތައް ކުރަމުންދާ ކަމަށް މެމޯގައި ބުނެފައިވެއެވެ.

ޕީއެސްއެމްގެ ހިންގުން އިސްލާހުކޮށް، ކުންފުނީގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް މުވައްޒަފުންގެ އަދަދު މަދުކުރުމަށް ފިނޭންސް މިނިސްޓްރީއިން އަންގާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި މަގާމުތައް އުވާލުމުގެ ކުރިން އެމަގާމު ތަކުގައި ތިބި މުވައްޒަފުން ކުންފުނީގެ އެހެން ދާއިރާތަކަށް ބޭނުންވާ މަގާމުތަކަށް ޝަރުތުހަމަވޭތޯ ބެލުމަށްފަހު، އެމުވައްޒަފެއްގެ ތައުލީމީ ފެންވަރާއި ތަޖުރިބާއާއި ލިބިފައިވާ ހުނަރަށް ބަލައި ފުރުސަތު ދޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކުންފުނީގެ މުވައްޒަފުން ވަޒީފާގައި ބޭއްތިއްބުމާއި ވަކިކުރުން ބިނާވާނީ ބޯޑުން އެކުލަވާލައި ކޮމިޓީއެއްގެ ނިންމުތަކާއި އެއްގޮތަށް ކަމަށް ބަޔާނުގައި ބުނެއެވެ. އޭގެ އިތުރުން ފާހަގަ ކޮށްފައިވަނީ ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ފެންވަރު ބަލައި، ފެންވަރު ދަށް މުވައްޒަފުންގެ ކޮންޓްރެކްޓްތައް އައުނުކުރަން ނިންމާފައިވާކަމެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމީ

    ތިކުރައްވާ ކަންތަކައް 2023 ގައި ޖަވާބު ލިބޭނެ

    4
    1
  2. ދުންމާރި

    ތިޔަ އުޅެނީ ޕާޓީނޫން ކުދިންކޮޅު ވަކިކޮށް ޕާޓީކުދިންކޮޅަށް ވަޒީފާތައް ބަހާލަން ތީ ތިޔަ ޖަހާ ސަކަރާތަކީ ކުންފުނީގެ ހިންގުނާ އުފެއްދުންތެރިކަން އެންމެނަށް އެބަ އެނގޭ އެއް ޕްރޮގުރާމު 24 ގަޑިއިރުތެރޭ 10 ފަހަރަށް އެބަދައްކައި އަދި އެ ޕްރޮގުރާމު ހަފްތާ 02 ހަފްތާވަންދެއް ދައްކަމުންދަނީ ދީނީ ޕްރޮގުރާމެއްވިޔަސް ކަމުދާކަހަލަ ޕްރޮގުރާމެއްވިއްޔާ ދައްކަނީ 20 އަހަރު ކުރީގެ މާޒީ މިވަރުން ކުންފުނީގެ ވެރިންނާ މުވައްޒަފުންގެ ޤާބިލްކަމާ އުފެއްދުންތެރިކަން ވަރަށް ސާފު

  3. ލޮލް

    ފުރަތަމަ ބޯޑު ބަދަލުކުރަން ފެނޭ. ކުންުފުންޏެއް ހިންގުމަކީ ކޮބައިކަމެއް، ގަވަރނެންސްއެއް، ބޯޑުގެ މެންޑޭޓެއް ނޭނގެ. މުވައްޒަފުންނާ ޒާތީވެ، ކުންފުނީގެ ޑެއިލީ އޮޕަރޭޝަންއަށް ބާރުފޯރުވާ ކޮރަޕްޓް ބޯޑެއް. ދެން ކޮންކަމެއް ރަނގަޅުވާނީ.