ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ތެރެއިން ގޭގައި ތިބޭ ބަލިމީހުންނަށް ފަރުވާދިނުމަށް ޑޮކްޓަރުންނާއި ނަރުހުން ހޯދަން ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރ(އެޗްއީއޯސީ) އިން އިއުލާން ކޮށްފި އެވެ.

އެޗްއީއޯސީ އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ކޮވިޑަށް ފައްސިވާ މީހުންގެ ތެރެއިން ގޭގައި ތިބޭ ބަލިމީހުންނާއި ގާތުން އެއްތާވެގެން ކަރަންޓީންކުރެވިފައިވާ މީހުންނަށް އޮންލައިން ކޮންސަލްޓޭޝަން ހަދައި، އެމީހުންނަށް ފަރުވާދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް މެޑިކަލް އޮފިސަރުން ބޭނުންވާ ކަމަށެވެ.

އެޗްއީއޯސީން ވިދާޅުވީ ކޮވިޑް ބަލިމީހުން ބެލުމަށް ހޯދާ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭނީ އެ ސެންޓަރުގައި ކަމަށެވެ. އަދި އެފަރާތްތަކަށް މުސާރައިގެ ގޮތުގައި ގަޑިއަކު 88.50 ރުފިޔާ ލިބޭނެ ކަމަށް އެޗްއީއޯސީގެ އިއުލާނުގައިވެއެވެ.

އެގޮތުން އެ މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ޖޫން ތިން ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ފޯމު ހުށަހަޅަން ވަނީ އެދިފަ އެވެ.

މެޑިކަލް އޮފިސަރުންގެ އިތުރުން ކޮވިޑް ބަލީގައި ގޭގައި ތިބޭ ބަލިމީހުންނަށް ނާސިންގ ކެއާ ދިނުމަށް އެޗްއީއޯސީގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ ރެޖިސްޓާޑް 10 ނަރުހުން ހޯދަން ވެސް އެ ސެންޓަރުން ވަނީ އިއުލާނުކޮށްފަ އެވެ. މިފަރާތްތަކުން މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް 61.26 ރުފިޔާގެ މުސާރައެއް ދޭނެ ކަމަށް އިއުލާނުގައިވެއެވެ.

އެގޮތުން އެ މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ހައެއް ޖޫންގެ 12:30 ގެ ކުރިން [email protected] އަށް ފޯމު ހުށަހަޅަން އެޗްއީއޯސީއިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑީމަކްރަތީ

    ބަލަކެރަފައި ނަސީމު އިސްތިއުފާދީފަ ގެއައްކަޑާލާ؟ ވެކްސިންވެސް މަޅާލައިފި އެތައްބައެއް މަރުވި އެތައްބައެއް ކޮވިޑު ޖެހުނު ސަރުކާރަކުން ހާލުވެސް ނުބެލުނުތާ ފޯނުވެސް ކޮއްލާވަރު ނުވި މިއީނާގާބިލް ކެބިނެޓު މެންބަރުންތަކެއެއް؟ އިސްތިއުފާ ނަސީމު ؟؟