އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވި މީހުން ހޯދުމަށް ކުރި މަސައްކަތުން އެކުލަވާފައިވާ ލިސްޓުގައި ނަން އޮތް މީހުން މަގާމުތަކުން ދުރު ކުރުން ލަސްވާތީ އެ ކޮމިޝަނަށް ސަރުކާރުގެ އިތުބާރު ނެތީތޯ އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ސުވާލު އުފައްދަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ހެކި ހުރި މިންވަރަށް ބަލާފައި މަގާމުން ވަކި ކުރުން ކަމަށެވެ. އެއީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ އުފުލަން ނިންމައި ކްރިމިނަލަށް ކޯޓަށް ހުށަހަޅާ ހިސާބުން ކަމަށް އޭނާ ވަނީ ''ވަގުތު" އަށް ވިދާޅުވެފައެވެ.

ސަރުކާރުގެ ނިންމުން މި ގޮތަށް އޮތް އިރު، ތަހުގީގު ނުނިމުނަސް، ލިސްޓުގައި ނަން އޮތް މަގާމުތަކުގެ މީހުން މަގާމުން ވަކިކުރަން މަޖިލީހުން ވަނީ ސަރުކާރަށް ލަފާ ދީފައެވެ. މަޖިލީހުން މި ގޮތަށް ނިންމީ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެންބަރުންގެ އިއްތިފާގުންނެވެ. އަދި އެއީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ވެސް އަޣުލަބިއްޔަތެކެވެ.

"ވަގުތު" ގައި ޝާއިއުކޮށްފައިވާ އެ ޚަބަރު ޓްވީޓާގައި ޚިއްސާ ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، މި ސަރުކާރުން ޚިޔާނާތާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ބުނެ ދައްކަނީ "ދަޅަ" އެއް ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމުގައި ސަރުކާރުގެ އެއްވެސް އިޚްލާސްތެރިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެސެޓް ރެކަވަރީ ކޮމިޝަންގެ މަސައްކަތަށް ސަރުކާރުން ވެސް އިތުބާރު ނުކުރަނީތޯ؟" އާދަމް ޝަރީފް ލިޔުއްވާފައިވެއެވެ.

އެސެޓް ރަކަވަރީ ކޮމިޝަނުން މަޖިލީހަށް ޚިއްސާ ކުރި ލިސްޓު ވަނީ އާންމުކޮށްފައެވެ. އޭރު ވެސް އާދަމް ޝަރީފް ވަނީ ކޮމިޝަންގެ މަސައްކަތާ މެދު ސުވާލު އުފައްދަވައިފައެވެ.

281 މީހުންގެ ނަން އޮތް އެ ލިސްޓުގައި ދައުލަތުގެ ވަޒީފާގައި މިހާރު ތިބި 119 މީހުންގެ ނަން އެބަ އޮތެވެ. އޭގެ ތެރޭގައި އައްޔަން ކޮށްފައިވާ މީހުނާއި އިންތިޚާބީ މަގާމުތަކުގެ ތިބި މީހުން ހިމެނެއެވެ. މަގާމުން ވަކިކުރެވޭނީ އައްޔަން ކޮށްފައިވާ މީހުނެވެ.

މީގެ ތެރޭގައި ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ނަން ވެސް ހިމެނެއެވެ. މީގެ ކުރިން އޭސީސީން އާންމު ކުރި ލިސްޓުގައި ވެސް މި ދެ ބޭފުޅުންގެ ނަން ހިމެނެއެވެ. އޭރު މަގާމުން ސަސްޕެންޑް ވެސް ކުރިއެވެ. އެކަމަކު މައްސަލައެއް ނެތް ކަމަށް އޭސީސީން ކަނޑައެޅުމުން އަލުން ވަޒީފާއަށް ދެ ބޭފުޅުން ވެސް ނުކުމެވަޑައިގަތީއެވެ.