ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތާއި ދޭތެރޭ ވިސްނާ ހިސާބަކަށް އަދި ނުދާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މިކަން ހާމަ ކޮށްފައިވަނީ މިއަދު ކުރިއަށް ގެންދިޔަ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ފާއިތުވި 24 ގަޑިއިރު 900 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށާއި ދެތިން ދުވަހެއްގައި ބަލި ޖެހޭ މީހުންގެ މިންވަރު ދަށްވެ ޑޭޓާ ރަނގަޅުވުމަކީ އަދަދުތައް ދަށަށް ދިއުން ކަމުގައި ނިންމައިގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ އަދި ދުއާއަކީ އެޅިފައި މިހުރި ފިޔަވަޅުތަކާ އެކީގަ މި އަދަދުތައް ދަށަށް ދިއުން. އެހެން ނަމަވެސް ކޭސްގެ އަދަދު 900 އިން މަތީގަ ހުރުން އެއީ ހަމަ އަދިވެސް އެކަމާއި މެދު ވިސްނާ ސަމާލުވެ، ރަނގަޅު ކުރަން ޖެހޭ ކަމެއް" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، އަދި ފިޔަވަޅުތަކަށް ލުއިދޭ ހިސާބަށް ނުދާ ކަމަށާއި އެހެން ނަމަވެސް މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ ދެ ހަފްތާގެ މުއްދަތަކަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމުން ދެ ހަފްތާ ނިމެން ކައިރިވުމުން ދެން އެބޭފުޅުން ކަންތައް ކުރަން ޖެހޭ ގޮތުގެ ތަފްސީލު އާއްމު ކުރާނެ ކަމަށެވެ.

ކޮވިޑް-19ގެ ވޭދަނަތައް ވެރިރަށް މާލޭގައި ގިނަ ވުމުގެ ސަބަބުން ސަރުކާރުން ވަނީ ފުރަބަންދަކަށް ނުގޮސް ހަރުކަށި ފިޔަވަޅުތަކެއް އިއުލާނު ކޮށްފައެވެ.

އެގޮތުން ބަލާއިރު، ކާފިއުގެ ވަގުތު ހަވީރު 16:00 އިން ފެށިގެން ހެނދުނު 8:00 އަށް އިތުރު ކޮށްފައިވާއިރު، ކާފިއު ނޫން ވަގުތުތަކުގައި ވެސް ބޭރުގައި އުޅުމަށް ވަކި ހާއްސަ ހުއްދައެއް ހޯދުމަށް ވަނީ އަންގާފައެވެ. އަދި ކޮންމެ ގެއަކުން ދެ މީހަކަށް ބޭރުގައި އުޅެވޭނެހެން ކޮންމެ ގެއަކަށް 2 ފާސް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަބްސީ

    ހިތް ފުރޭވަރަށް ބަޖެޓް ކާލާ، ރައްޔިތުން ޖޫރިމަނާކުރޭ، ދެންލުއި ދޭނީ، ކުރީފަހަރުވެސް ހެދީ ހަމަ މިހެން. ވަރަށް ކައިރީގަ ހިސާބު ބެލުމުގެ ދުވަހެއް އެބައޮތްކަން ހަދާނަކުރާތި.

  2. މާލެ މީހާ

    ޖޫރިމަނާ އާމްދަނީ ޓާގެޓައް އަދި ނާރަނީ މި ދައުރު ދައުލަތް މިޙިފަހައްޓަނީ ރަތްޔިތުން މިހެން

  3. ބޮޑޫމޮޔަ

    އެއްގޮތަކަށްވެސް ވިސްނާނެ ކަމެއްނެތް، ކޮންދިމާލަކުންތޯ ބަޖެޓް ކާލެވެން އޮތީ ބަލާފަ އެކަމަށް ވިސްނާ

  4. ހަސަދު

    ކޮވިޑްގެ ނަމުގައި 5 އަހަރު އެއްވެސް ކަމެއް ނުކޮށް އެންމެން ގޭބަންދުގައި ބައިތިއްބައިގެން ޓާމް ނިންމާ ލަނީތޯ.

  5. ވަރަށް ދެން

    ކޮވިޑް-19ގެ ވޭދަނަތައް ވެރިރަށް މާލޭގައި ގިނަ ވުމުގެ ސަބަބުން ސަރުކާރުން ވަނީ ފުރަބަންދަކަށް ނުގޮސް ހަރުކަށި ފިޔަވަޅުތަކެއް އިއުލާނު ކޮށްފައެވެ.
    ހަހަހހަ ފުރަބަންދަކަށް ނުދޭދޯ އަދި. މަ ހީކުރީ ހުރިހާ ގަޑިއެއްގަ ފާސް ހޯދަން ޖެހޭތި ފުރަބަންދު ވީ ކަމަށް އެ

  6. އެމަންޖެ

    މާލޭ މަގުތަކުގަ ވަރައް އުޅެން ފާސް ނެތިވެސް ޕޮލިހުން އަހައިފިއްޔާ ފާސް އޮތްތަން ދައްކާލާނަން.