ކިޑްނީ ފެއިލްވެފައި ތިބި، ޑައިލިސިސް ހަދާ 25 މީހަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، ކޮވިޑް-19 ޖެހިގެން ޑައިލިސިސް ހަދާ 25 މީހަކަށް ހަމަ އެކަނި ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް އޭގެ ތެރެއިން އެއްވެސް މީހަކު ވެންޓިލޭޓަރުގައި އޮތް ކަމެއް ނުވަތަ ނޫންކަމެއް އަފްޒަލް ސާފު ކޮށްދީފައެއް ނުވެއެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، ކޮވިޑް ބަލި ޖެހިގެން މިހާރު 18 އަހަރުން ދަށުގެ 240 ކުދިންނާއި 65 އަހަރުން މަތީގެ 29 މީހަކާއި މާބަނޑު 46 މީހަކު އެބަ ތިބި ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 61،844 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން 36،862 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިފައިވަނީ 24،818 މީހެކެވެ.

އަދި އޭގެ ތެރެއިން 252 މީހަކަށް ފެސިލިޓީތަކުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން 13 މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަައީމް

    ހޮސްޕިޓަލުގަ ބާއްވައިގެން އެހެން ބައްޔަކައް ފަރުވާދީދީ ހުއްޓާ ކުއްލިއަކައް ބުނަނީ މިހާރު ކޮވިޑައް ޕޮޒިޓިވްއޭ ދެން ހިތް ފަޅައިގެން ނުދާނެތަ ދެން އިރުކޮޅަކުން ބުނީ ކަލޭވެސް ޕޮޒިޓިވްއޭ ގެއަކައައްނުދެވޭނޭ ހިތާމައިގެ ކޮޅެއްނެތް ހިތައްއެރީ މިވަނީ ކިހިނެއްބާއޭ މިގެ ޖަވާބު ދެވޭނީ ކާކައްބާ

    1
    1
  2. ގަބޭ

    ތިގޮތައް މީހުންގެ ބަލިތަކުގެނަން އާއްމުނުކޮއްބަލަ