ރާއްޖެ އިން އިތުރު 1062 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 699 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 353 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ބަންދުކޮށްފައިވާ ރިސޯޓްތަކުން 09 މީހުން އަދި ހަދަމުންދާ ރިސޯޓަކުން އެކަކު މިއަދު ކޮވިޑަށް ފައްސިވިއެވެ.

މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 4832 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %21.98 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ އިއްޔެއަށްވުރެ އިތުރުވެފައެވެ. އިއްޔެ ކޮވިޑަށް ފައްސިވީ 901 މީހުންނެވެ. އޭގެތެރެއިން މާލެ އިން ކޮވިޑަށް ފައްސިވީ 468 މީހުންނެވެ. އިއްޔެ ކުރި ޓެސްޓްތަކުގެ އަދަދާއި ފައްސިވި އަދަދަށް ބަލާއިރު އިއްޔެ ފައްސިވެފައި ވަނީ ޓެސްޓް ކުރި މީހުންގެ %18.69 މީހުންނެވެ.

މިއަދު މާލެ އިން ފައްސިވި މީހުންގެ އަދަދު އިއްޔެއަށްވުރެ އިތުރުވެފައި ވީނަމަވެސް މިއަދަކީ ފާއިތުވި ހަތަރު ދުވަސް ތެރޭގައި މާލެ ފިޔަވައި އެހެން ތަންތަނުން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 24507 މީހުންނެވެ. ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު ފާއިތުވި ދެދުވަހު ވެސް ވަނީ ދަށަށް ގޮސްފައެވެ. މިއީ މިމަހު ކޮވިޑް އެކްޓިވް ކޭސްގެ އަދަދު ޖެހިޖެހިގެން ދެދުވަހު ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ކޮވިޑް ޖެހިގެން އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު ވެސް މިހާރު އަންނަނީ މަދުވަމުންނެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބީ 240 މީހުންނެވެ. އިއްޔެ 252 މީހުން އެޑްމިޓް ކޮށްފައި ތިއްބެވެ.

ރާއްޖެ އިން ކޮވިޑް ޖެހިގެން މިހާތަނަށް 157 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު