ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނު ޝަހްސު އޮޅުވާލިކަމުގެ މައްސަލައިގެ އަޑުއެހުމެއް ހަތަރު މަސް ފަހުން މިދިޔަ ހަފްތާގައި ތާވަލުކުރި އިރު ދިފާއު ބިނާ ކުރުމަށް އޭނާއަށް 24 ގަޑިއިރު ދީފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ފާރިސްގެ ޝަހްސު އޮޅުވާލުމުގެ މައްސަލައިގެ އަޑުއެހުމަކީ އޭނާގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ބައެއް ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި، ފާރިސް އަށް ވަކީލުންނާއި ބައްދަލު ކުރެވިފަައި ނުުުމުން އޭނާއަށް މައްސަލައަށް ތައްޔާރުވުމަށް ވަނީ އިތުރު ފުރުސަތު ދީފައެވެ. އެހެން ނަމަވެސް އެފަހުން ވެސް އޭނާއަށް ވަކީލުންނާއި ބައްދަލު ކުރެވިފައި ނުވާއިރު މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ. މިދިޔަ ހަފްތާގެ އަޑުއެހުމުގައި ގާޒީ ވަނީ ފާރިސްގެ ފަރާތުން ހުށަހެޅި ހުރިހާ ދިފާއީ ހެކިންގެ ހެކިބަސް ނުގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ މުހިންމު ހެކިިންގެ ލިސްޓެއް ކަނޑައަޅައި އެކަން ކޯޓަށް އެންގުމަށް އަމުރު ކޮށްފައެވެ.

ނަމަވެސް ފާރިސްގެ ފަރާތުން ކޯޓަށް ލިސްޓެއް ފޮނުވަން ފުރުސަތު ދިން އިރު ކޯޓުން ވަނީ 10 ހެކިންނަށް ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައެވެ. ފާރިސްގެ ދިފާއީ ހެކިންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ހިމެނޭއިރު އެ ޗިޓު ފޮނުވި 10 މީޙުންގެ ތެރެއިން ތިން މީހަކު ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވި ކަމަށް މިއަދު ގާޒީ އެންގިއެވެ. މީގެ އިތުރުން 19 މީހުންގެ ފޯން ނަމްބަރާއި އިތުރު މައުލޫމާތު ލިބިފައި ނުވުމުން އެމީހުންނަށް ޗިޓު ފޮނުވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ފާރިސް އަށް ލިސްޓެއް ފޮނުވުމަށް ފުރުސަތު ދިނުމަށް ފަހު ކޯޓުން ވަކި ބަޔަކަށް ޗިޓު ފޮނުވުމުން ކަންބޮޑުވުން ފާޅުކޮށް ފާރިސް ވިދާޅުވީ އޭނާ ހައްޔަރުގައި ބަހައްޓައިގެން ވާނުވާ ނާންގާ އިސްކަންދޭ ހެކިިން ކަނޑައެޅުމަށް ފުރުސަތު ނުދީ ވަކި ލިސްޓެއް ކޯޓުން ކަނޑައެޅިކަން މި މަހުގެ 13 ވަނަ ދުވަހު އެނގިފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ އޭނާގެ ހައްގުތަކަށް ކަނޑައެޅިގެން އުނިކަން އަންނަ ގޮތައް ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ގާޒީ ވިދާޅުވީ އޭނާގެ ހައްގުތަކަށް އުނިކަަމެއް އަންނަ ގޮތަކަށް ކޯޓުން އަމަލުކޮށްފައި ނުވާނެ ކަމަށާއި، އިސްކަން ދޭ މީހުން ކަނޑައެޅުމަށް އަދިވެސް ފާރިސްއަަށް ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި 47 ހެކިންގެ ހެކިބަސް ނެގުމަކީ ކުރެވޭނެ ކަމެއް ނޫންކަން ތަކުރާރުކޮށް، އަދިވެސް ބޭނުންވަނީ 47 ހެކިންގެ ހެކިބަސް ނެގުމަށް ތޯ ނުވަތަ މުހިންމު މީހުންގެ ހެކިބަސް ނެގުމަށްތޯ ގާޒީ ސުވާލު ކުރެއްވިއެވެ.

ފާރިސް ވިދާޅުވީ ބޭނުންފުޅުވަނީ ވަކީލުންނާއި މަޝްވަރާކޮށް ހެކިންގެ ލިސްޓު މަދު ކުރުމަށް ކަމަށެވެ. ނަމަވެސް، ކޯޓުގައި ވެސް ވަކީލުންނާއި ބައްދަލު ކުރެވޭނެ ކަމަށް ކުރިން އަޑުއެހުމުގައި ގާޒީ ވިދާޅުވިއިރު އެފަހުން ވަކީލުންނާއި ބައްދަލު ކުރެވިފައި ނުވާ ކަމަށް ފާރިސް ވިދާޅުވިއެވެ. އަދި ތައްޔާރުވުމަށް އިތުރު ހަފްތާއެއް ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ. އެކަމަށް އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ދައުލަތުގެ ވަކީލު ވެސް މިއަދުގެ އަޑުއެހުމުގައި ވިދާޅުވިއެވެ.

މިއަދުގެ އަޑުއުހުމުގައި ފާރިސް ވަނީ، ފަސް މަސް ދުވަހު އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުނުކޮށް، ކުއްލިއަކަށް ފުލުފުލުގައި އެ މައްސަލައިގެ އަޑުއެހުންތައް ތާވަލުކުރަނީ ކޮން މަޖުބޫރީ ހާލަތެއް އައިސްގެންތޯ ސުވާލު ކުރައްވާފައެވެ. އަދި އެކަމާ އޭނާ ހައިރާންފުޅު ވާކަމަށް ވިދާޅުވިއެވެ.

ފާރިސްގެ ވަކީލު އިބްރާހިމް ޝަމީލް މިއަދު ވަނީ ކޯޓުން ޗިޓު ފޮނުވީ ކޮންބަޔަކަށް ކަން ފާރިސް އަށް އަންގާފައި ނުވާ ކަން ފާހަގަކުރައްވާފައެވެ. އެއާއެކު ގާޒީ ވަނީ ޗިޓު ފޮނުވި މީހުންނާއި އުޒުރުވެރިވި މީހުންނާއި ޗިޓު ފޮނުވިފައި ނުވާ 19 މީހުންގެ ނަން ހާމަ ކުރައްވާފައެވެ.

ޗިޓު ފޮނުވި މީހުންެގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ މެމްބަރު ނިހާން ހުސެއިން މަނިކު ހިމެނިވަޑައިގަންނަވައެވެ. އަދި އިތުރު މެމްބަރުންވެސް ހިމެނިވަޑައިގަންނަވާއިރު އިއުތިރާޒުވި މީހުންގެ ތެރޭގައި ޕީޕީއެމްގެ އެސްޖީ ހަލީލް އާއި ޒާހިދު ރަމީޒް ހިމެނެއެވެ.

ފާރިސްގެ ވަކީލު މައުމޫން ހަމީދު ވަނީ ޗިޓު ފޮނުވި 10 މީހުން ކޯޓުން ކަނޑައެޅީ ކިހިނެއް ކަމެއް އެނގެން ނެތްކަން ފާހަގަ ކުރައްވާފައެވެ.

މިއަދުގެ އަޑުއެހުގައި ވަނީ ޗިޓަށް ޖަވާބުދާރީވެ ހެކިބަސް ހުށަހަޅަން ކޯޓަށް ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ހެންވެއިރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ގެ ހެކިބަސް ނަގާފައެވެ. ފާރިސްގެ ފަރާތުން އޭނާއާއި ސުވާލު ކުރެއްވީ ވަކީލު ޝަމީލް އެވެ. އެގޮތުން ފާރިސް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ޕީޕީއެމް ތަމްސީލު ކުރެއްވިތޯ ސުވާލު ކުރެއްވުމުން އޭނާ އެކަން ކުރެއްވި ކަމަށާއި އޭނާ ޕީޕީއެމްގެ ފަރާތުން އެ ކޮމިޓީއަށް ހުށަހެޅީ 2017 ވަނަ އަހަރު ކަމަށް ރުުކުމާ ވިދާޅުވިއެވެ. އަދި ޕެޓިޝަން ކޮމިޓީއިން ފާރިސް ވަކި ކުރި ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

އިތުރު ފުރުސަތު ދެއްވުމަށް ފާރިސް އެދިވަޑައިގެންފައި ވަނިކޮށް މިއަދު ގާޒީ ވިދާޅުވީ މާދަމާ 13:00 އަށް މި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރާނެ ކަމަށެވެ. އަދި ހެކިން ކޯޓަށް ހާޒިރު ކުރުމަށް ފުރުސަތު ދެއްވައި، މުހިންމު ހެކިންގެ ލިސްޓު ހުށަހެޅުމަށް ވެސް މިއަދު ފުރުސަތު އޮންނާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. މީގެ އިތުރުން މާދަމާ އަންނަންވާނީ ހުލާސާ ބަޔާން އިއްވުމަށް ތައްޔާރުވެގެން ކަމަށް ގާޒީ ވިދާޅުވިއެވެ.

ފާރިސްއަށް މިހާރު އޭނާގެ ދިފާއު ބިނާ ކުރުމަށް އޮތީ ގާތްގަނޑަކަށް 24 ގަޑިއިރު ކަމަށް ވާއިރު އޭނާ ވަނީ ތަކުރާރުކޮށް ތައްޔާރުވުމަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ގާޒީ ހަމައެކަަނި ވިދާޅުވީ މައްސަލަ މާދަމާ ކެންސަލް ވެއްޖެ ނަމަ އެކަން އަންގާނެ ކަމަށެވެ.

މީގެ ކުރިން މި މައްސަލައިގައި އޮތް އަޑުއެހުމުގައި ފާރިސް ވިދާޅުވީ އެ ދުވަހު މައްސަލަ ތާވަލު ކުރިކަން ވެސް އެނގުނީ އެދުވަހުގެ ހެނދުނު ކަމަށެވެ. އަދި ތާވަލު ކުރީ ކޮން މައްސަލައެއް ކަމެއް ވެސް އޭނާއަށް އަންގާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަމީދު

    ސާބަހޭގާޒީ. ސާބަހޭ.

  2. ބޮކި ބޮކި ބޮކި

    ކީވެގެންތޯ ގާސީ 5 ސިކުންތު ނުދިނީ