މާލެ ސިޓީ ކައުންސިލްގެ ހާލަތު ދެނެގަތުމަށް މެނޭޖްމެންޓް އޮޑިޓެއް ހެދުމަށް ގަސްތުކުރައްވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި މަހުގެ 17 ވަނަ ދުވަހު މޭޔަރުކަމާއި ހަވާލުވެވަޑައިގަތް މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސައްކަތް ރަނގަޅަށް ފެށިގެންދާއިރު ކައުންސިލް އޮތް ހާލަތު ރަނގަޅަށް އެނގުމަކީ ކުރިމަގު ބައްޓަންކުރުމުގައި މުހިއްމުކަމެއް ކަމަށެވެ. އެގޮތުން މެނޭޖްމެންޓް އޮޑިޓެއް ހަދަން ފެންވަރު ރަނގަޅު ފަރާތެއް ހޯދަން ވަރަށް އަވަހަށް ގެޒެޓް ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ކަމަށް މުއިއްޒު ހޮވިވަޑައިގެންނެވީ ސިޓީ ކައުންސިލަށް ހެޔޮ ބަދަލުތަކެއް ގެންނާނެކަމުގެ ވައުދުތަކާއެކުއެވެ. މި ކައުންސިލުގެ ފުރަތަމަ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލް ސިޔާސީ ޖަގަހައެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. މަސައްކަތްކުރަނީ ސަރުކާރާ ގުޅިގެން މާލެއަށް ތަރައްގީ ގެނެސްދިނުމުގެ މަގްސަދުތުގައި ކަމަށް ކުރީގެ ހައުސިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވަނީ މި ފަސް އަހަރު ތެރޭގައި މާލެ ސިޓީ ހިންގާނެ ގޮތުގެ ހާއްސަ ޕްލޭނެއް އެކުލަވާލާފައެވެ. ޕްލޭން ފާސްކޮށްފައިވަނީ އެމްޑީޕީގެ ކައުންސިލަރުންގެވެސް ތާއީދާއެކުއެވެ.

އަދި ދާދި ފަހުން މުއިއްޒު ވަނީ މާލެއަށް ދިމާވެފައިވާ ކަންތައްތައް ހައްލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.