މި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލާގައި މަޖިލީހުގައި ކުރިއަށްދާ އިންކުއައިރީގެ މަސައްކަތުގެ ތެރެއިން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއާއި ޗީފް އޮފް ބިއުރޯ ރުގިއްޔާ އަހުމަދު ދީދީ ހާޒިރު ކުރަން ހަމަޖައްސައިފިއެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލިކަށިވެގެން އައި ގޮތުގެ މައްޗަށް މަޖިލީހުގައި އިންކުއައިރީއެއް ހިންގަމުން ދަނީ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241) ކޮމިޓީގައެވެ. އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު 2:00 ޖަހާއިރަށް ވަނީ ތަވާލުކޮށްފައެވެ.

މި ބައްދަލުވުން 2:00 ޖަހާއިރު ތާވަލުކޮށްފައިވާއިރު، އެ ބައްދަލުވުމުގެ އެޖެންޑާގައި މިއަދު މެންދުރުފަހު 2:30 ގައި އަމީންއާންމު ނިއުޝާއާ ބައްދަލު ކުރުން ހިމެނެއެވެ. އަދި 3:00 ޖަހާއިރު ޗީފް އޮފް ބިއުރޯ ރުގިއްޔާއާ ބައްދަލު ކުރުން ވެސް ހިމެނެއެވެ.

241 ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކުރިން ވިދާޅުވެފައިވާ ގޮތުގައި މި އިންކުއައިރީގައި އެ ކޮމިޓީން ބަލަމުން ދާނީ މައިގަނޑު ހަތަރު ކަމެއްގެ މައްޗަށެވެ.

އެއީ ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސްގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުމާއި، ދައުލަތުގެ މަތީ މަގާމުތަކުގެ ތިބި ބޭފުޅުންގެ ސެކިއުރިޓީ ދެވޭ ނިޒާމާއި، ރައީސް ނަޝީދުގެ ސެކެއިރުޓީ ބަލިކަށިވި ގޮތް ދެނެގަތުމާއި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ތަންފީޒު ކުރެވެމުން އަންނަ މިންވަރު ދެނެގަތުމެވެ.

އަސްލަމް ވިދާޅުވެފައިވާ ގޮތުގައި، ކޮމިޓީގެ އަމާޒަކީ ޖޫން މަސް ނިމުމުގެ ކުރިން މި އިންކުއަރީ ނިންމައި ކޮމިޓީ ރިޕޯޓް އެކުލަވާލުމެވެ.

ރައީސް ނަޝީދު މި ވަގުތު ހުންނެވީ ޖަރުމަން ވިލާތުގައެވެ. އޭޑީކޭއިން ހަފުތާއެއްހާ ދުވަސް ވަން ދެންއެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ޒަޚަމްތަކަށް ފަރުވާ ދިނެވެ. ދެން ޖަރުމަނަށް ވަޑައިގެން އެ ގައުމުގެ މިލިޓަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯދުމަށް ފަހު މިހާރު އެ ހޮސްޕިޓަލުން ވެސް ވަނީ ދޫކޮށްލައިފައެވެ.

ނަޝީދަށް ދިން ހަމަލާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ބައިނަލް އަގްވާމީ އެހީތެރިކަން ވެސް ލިބިގެންނެވެ. މި މައްސަލާގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރު ވެސް ކޮށްފައިވާއިރު، ހަރުކަށި ފިކުރާ ގުޅުން ހުރި އިތުރު ބަޔަކު ވެސް ދާދި ފަހުން ފުލުހުން ހައްޔަރުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަވާސާ އިބޫ

    މިދިވެހިރާއްޖޭގެ މަޖިލީހަކީ ތަހުގީގުކުރުމުއީ ހުކުންއިއްވޭގޮތަށް ފަރުމާކޮށްފައިވާ މަޖިލީހެއްބާ؟