ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީއިން މިއަދު ހުޅުއްވައިލައްވައި، އިނާމު ދިނުމުގެ އުސޫލު ގެޒެޓްކޮށްފިއެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، މިއަހަރު އަލަށް ތަޢާރުފު ކުރެއްވި އިނާމެކެވެ. މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ޤައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ. މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ޚިދުމަތްކުރި، ނުވަތަ ޚިދުމަތްކުރަމުންގެންދާ މީހަކަށް ވާންޖެހޭނެއެވެ.

މި އިނާމަށް ހުށަހަޅާ މީހުންގެ ނަން ހުށަހެޅޭނީ "ފޯމު ހުށަހެޅުން" މި ޕޯޓަލް މެދުވެރިކޮށްގެންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަކިން ފޯމު ހުށަހަޅައިގެންނެވެ. އިނާމަށް ނަން ހުށަހަޅާ ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނީ، 2021 މޭ 30 ވަނަ ދުވަހުން ފެށިގެން 2021 އޮގަސްޓު 12 ވަނަ ދުވަހުގެ ނިޔަލަށެވެ. ފޯމު ފުރިހަމަކުރުމަށްފަހު ލިޔުމުން އިނާމަށް ހުށަހަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލައިގަންނާނީ، 2021 ޖުލައި 1 އިން ފެށިގެން 2021 އޮގަސްޓު 12 ގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.

އިނާމު ދިނުމަށް ކަނޑައެޅުމުގައި ޤައުމީ އިނާމާބެހޭ ކޮމިޓީން ބައްލަވާނެ ކަންކަމުގެ ތެރޭގައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ޤާބިލުކަމާއި، ފަރުވާތެރިކަމާއި، އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި، އެމީހަކަށް ލިބިފައިވާ ޤާބިލުކަމެއް ބޭނުންކޮށްގެން މުޅި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ ޚާއްޞަ މަސައްކަތްތައް ހިމެނެއެވެ. އަދި އެ މުއައްސަސާއިން ހިންގައިފައިވާ އެކިއެކި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ޚިދުމަތް ކޮށްފައިވާ މިންވަރާއި، ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީއަށްވެސް ބައްލަވާނެއެވެ. އެމީހެއްގެ މައްޗަށް މަދަނީ އަދި ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާކަން ނުވަތަ ނޫންކަންވެސް ކޮމިޓީން ޔަޤީން ކުރައްވާނެއެވެ.

​އިނާމު ދެއްވުމުގައި ކޮމިޓީން ބައްލަވާނެ އަސާސީ ޝަރުޠުތަކުގެ ތެރޭގައި، އިނާމަށް ހުށަހެޅިފައިވާ މީހަކީ، އެމީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި، އިނާމަށް ހުށަހެޅިފައިވާ މީހާގެ މައްޗަށް ޝަރުޢީގޮތުން ކޮށްފައިވާ ޙުކުމަކާ ގުޅިގެން ސާބިތު ދަރަންޏަކަށް ފައިސާ ދައްކަންޖެހިގެން އެ ފައިސާ ގަވާއިދުން ދައްކަމުން ގެންދާ މީހަކަށްވުން ހިމެނެއެވެ. އިނާމަށް ނަން ހުށަހެޅޭ މީހަކީ، އެމީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި، އެމީހާގެ މައްޗަށް ޝަރުޢީގޮތުން ކޮށްފައިވާ ޙުކުމަކާ ގުޅިގެން ސާބިތު ދަރަންޏަކަށް ފައިސާ ދައްކަންޖެހިގެން އެ ފައިސާ ގަވާއިދުން ދައްކަމުން ގެންދާ މީހަކަށްވާން ޖެހެއެވެ.

އިނާމަށް ހުށަހެޅިފައިވާ މީހަކީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް އޮތްނަމަ އެ ފައިސާއެއް ގަވާއިދުން ދައްކަމުންގެންދާ މީހެއްކަމުގައިވާންޖެހޭނެ ކަމަށް ކޮމިޓީން ވިދާޅުވެއެވެ. އަދި އިނާމަށް ހުށަހެޅިފައިވާ މީހާގެ މައްޗަށް ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ހުށަހެޅިގެން އެ މައްސަލައެއް ބަލަމުންދާ ނުވަތަ ކޮރަޕްޝަންގެ އެއްވެސް ދަޢުވާއެއް އުފުލިފައިވާ މީހެއްކަމުގައި ވެގެނެއް ނުވާނެއެވެ. މީގެއިތުރުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި "ޖިނާއީ ބޮޑު ކުށެއް" ގެ ގޮތުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއްގެ ތުހުމަތެއް ކުރެވިގެން އެމީހާގެ މައްޗަށް ތަޙްޤީގެއް ހިންގަމުންދާ މީހެއްކަމުގައި ނުވުމާއި، އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ސުލޫކީ މިންގަނޑު (ކޯޑް އޮފް ކޮންޑަކްޓް) އާ ޚިލާފުވެފައިވާ މީހެއްކަމުގައި ނުވުން ހިމެނެއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ރާއްޖެ

  ތި އިނާމު ސްޓޭޖް މަތިން ރައީސަކަށް ހުންނަ މީހެއްގެ އަތްޕުޅުން ލިބިގެން ވާ އެއްވެސް ވަކި މޮޅު އިތުރު ފައިދާއެއް ބުނެދީބަލަ.

 2. ސަލާމް

  ތިޔަ އިނާމް އެންމެ ހައްގުކަން ބޮޑީ، މުސާރަ އެއް ނުލިބި ހިލޭ ސާބަހަށް ކޮވިޑް ފެސިލިޓީތަކުގައި މަސައްކަތްކުރާ ދިވެހިންނާއި ބިދޭސީން އަށް.

 3. ކާފަބޭ2020

  ދައުލަތަށްޚިދުމަތްކުރިމީހުން އެދައުލަތަލަށްނޭގި އާދޭސްކޮށްގެން ހޯދަންޖެހުނީމަ( ހުރިހާސަރުކާރަކުންވެސް) ޚިދުމަތްމިކުރެވުނީ ކޮންތާކަށްބާ؟؟؟؟؟؟؟

 4. ކާފަބޭ2020

  ގޮތްހުސްވެފައިންގޮތަށްފެންނަ މިފޮޓޯނޫނީ އެހެންފޮޓޯއެއް ވަގުތުޓީމުއަތުގަނެތީތޯ؟ ތަސްވީރުބަލާނީތަސްވީރުބުނާހެންނޭ ހަމައަހާލެވުނީދޯ؟

  • ޟަރުދީ

   ތުރުތުރު އަޅާތީ ވާހަކަ ދެއްކުމަށް ޕްރެކްޓިސް ކޮއްދޭ މީހާ ބުނެފައިވާގޮތަށް ދެ އަތުގެ އިގިލިތަކަށް ބާރުލައިގެން ހިފަހައްޓގެން ހުންނަށް އޭރުން ވާހަކަ ދައްކާއިރު ތުރުތުރު ނާޚާނެޔޯ

 5. މަޒް

  ތި އިނާމު ލިބިގެން ކީއްތަ ވަނީ؟ ފައިސާ ލިބޭތަ؟

 6. Anonymous

  އިބުރަހިމް މުހަމަދު ސަލިހުގެ ނަން ހުށަހަޅަން

 7. އަމީ

  ސޯލިހު އަށް ތި އިނާމު ހައްގު. ކޮންމެސް މީހަކު ލާބަ ސޯލިހުގެ ނަން. ޕުލީޒް

 8. ބީރުމީހާ

  މަޖިލީހުގައި އަނގައިން ބަހެއް ނުބުނެ ތިއްބެވި ފަރާތްތަކަށްވެސް އިނާމު ދިނުމަށް ހުޅުވާލައިފިން އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ވާންވާނީ މިހާރު މަޖިލީހުން ވަކިވެ ސަރުކާތުގެ އިސްމަގާމެއްގައި ހުންނަ މީހަކަށް މި ފަރާތްތަކަށް އިނާމު ދެއްވާނީ އެ ވަގުތަކު މަޖިލީހުގެ ރައީސަކަށް ހުންނަ އިއްޒަތްތެރިއަކު
  ޝަރުތަކީ ހާއްސަ މަޖިލީސް ހިމެނޭހެން 10 ވުރެ ގިނަދުވަސްވުން ގާނޫނުއަސާސީގެ މައްޗަށް ކޮޅަށްއެރުން

 9. ނާރު

  އަހުންގެ ބައްޕަ 45އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރި ދިން އިނާމަކީ ސިޔާސީ މަންފާއަކަށް ޖަލަށްލުން އަދި ވަޒީފާއިން ވަކިކުރީ ސަބަބަކަށް ބުނެފައިވަނީ އަތޮޅަށް ޚިދުމަތް ނުކުރުން މި ސަބަބުލިޔުނު އިރު ނޭގުނު މި ބޭފުޅާއަކީ ރަށަށް ޚިދުމަތްކުރުމަށް ހަވާލުކޮއްފައި ހުރި މުވައްޒަފެއްކަން ވީމާ ރައީސަށް ދަންނަވާލަންއޮތީ މީ ދޭވަރު އިނާމެއް ނޫނޭ

 10. Anonymous

  ސަރުކުގެ ހަބަރުތަ ސައުގެއްނެއް