‏ކުޑަކުދިންނަށް ކޮވިޑް-19 ޖެހުމުން ފާޑު ފާޑުގެ ބިހިތައް ގައިގައި ނެގުމާއި، ހަމުގެ ހިރުވުން ހުންނަ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ކޮވިޑާއި ގުޅޭ ފަހުގެ މައުލޫމާތުތައް އަބަދުވެސް ހިއްސާ ކުރަމުން އަންނަ ޑރ. ފައިސަލް މިގޮތަށް ވިދާޅުވެފައި ވަނީ، ކޮވިޑާއި ގުޅުން ހުރި މައުލޫމާތުތައް ހިމެނޭ ލިންކެއް ޝެއާ ކުރަމުންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއިން 5000 އަށްވުރެ ގިނަ 10 އަހަރުން ދަށުގެ ކުޑަކުދިން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)އިން ވަނީ ހާމަކޮށްފައެވެ. ކުޑަކުދިންނަކީ ކޮވިޑް ބަލީގެ ނުރައްކާ ބޮޑު ކެޓެގަރީއަށް ފެތޭ މީހުންނެވެ.

ޑރ. ފައިސަލް ވިދާޅުވީ، ‏‏ކުޑަކުދިންނަށް ކޮވިޑް-19 ޖެހުމުން ފާޑު ފާޑުގެ ބިހިތަކާއި ހަމުގެ ހިރުވުން ހުންނަ ކަމަށާއި، އަދި ވަރުބަލިވުމާ ނޭވާލާން އުދަނގޫވުން ކަހަލަ އިތުރު އެއްވެސް އަލާމާތެއް ހުންނަނަމަ ޑޮކްޓަރަށް ދައްކަން ވާނެ ކަމަށެވެ.

ޑރ. ފައިސަލް ވަނީ އޭނާ ކުރި އެ ޓްވީޓްގައި ފޮޓޯތަކެއްވެސް ހިއްސާކޮށްފައި ވެއެވެ. އެ ފޮޓޯތަކުން ފެނިގެން ދަނީ ކުޑަކުދިންގެ ގައިގެ އެކި ތަންތަނުގައި ބިހުތައް ނަގާފައި ހުންނަ ތަނާއި ކަހާފައި ރަތްވެފައި ހުންނަ ތަނެވެ.