ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން، އެމަނިކުފާނުގެ ސެކުއިރިޓީއާއި އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގޭގެ ސަލާމަތާ ގުޅުން ހުރި ބައެއް މައުލޫމާތުތައް "މިހާރު" ނޫހުގައި ޝާއިއު ކުރުމުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަމުންދާތީ، ދިވެހި ނޫސްވެރިންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނެރުނު ބަޔާނެއްގައި ވަނީ، މަޖިލީހުގެ 241 ކޮމިޓީން ބަލަމުންދާ މައްސަލައެއްގެ ތެރޭގައި އެ ރިޕޯޓްގެ މައުލޫމާތު ހިމެނޭއިރު އެ މައްސަލައިގެ ތެރޭގައި "މިހާރު" ނޫހުގެ ރިޕޯޓާއި ރިޕޯޓް ލިޔުނު ނޫސްވެރިޔާގެ މައްސަލައެއް ހިމެނޭތޯ ބެލުމަށް އެ ޖަމިއްޔާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، ކޮމިޓީން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ރިޕޯޓް ލިޔުނު ނޫސްވެރިޔާ އިސްމާއީލް ނަސީރުގެ މައްސަލަ ނުވަތަ ނޫސްވެރިޔާއަށް އެ މައުލޫމާތު ދިން މަސްދަރު ހޯދުމަށް މަސައްކަތް ކޮށްފާނެތީ ނުހަނު ކަންބޮޑުވާ ކަމަށް އެމްޖޭއޭގެ ބަޔާނުގައިވެއެވެ.

ގާނޫނު އަސާސީގެ 28 ވަނަ މާއްދާއާ ހަވާލާދީ، އެމްޖޭއޭގެ ބަޔާނުގައި ވަނީ، ހަބަރާއި، މައުލޫމާތާއި، ފެންނަގޮތްތަކާއި ހިޔާލުތައް ފާޅުކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަންދީ، އަދި އެގޮތުން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ސިއްރުކުރުމުގެ ހައްގު ކަށަވަރުކޮށްދޭ ކަމަށެވެ.

"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" މި ސުރުހީގެ ދަށުން މިހާރު ނޫހުން ގެނެސްދީފައިވާ ހަބަރުގައި ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ލިބިފައިވާ މައުލޫމާތާއި. އެމަނިކުފާނު ދިރިއުޅުެއްވާ ގެކޮޅުގެ ތަފްސީލީ މައުލޫތު ބަޔާން ކޮށްފައިވާ ކަމަށް ބުނެ 241 ކޮމިޓީން މައްސަލަ ބަލާނެ ކަމަށް ހާމަކުރީ އިއްޔެއެވެ.

ކިޔުންތެރިންގެ ހިޔާލު