ކ. ހިންމަފުށި ކައިރީގައި އޮތް ފިނޮޅަކަށް ގެއްލުން ދިން މައްސަލާގައި ގިލިލަންކަންފުށި ރިސޯޓު ހިންގަމުންދާ ޕްރޮމޯސް ޕްރައިވެޓް ލިމިޓެޑް ފަަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އެ ރިސޯޓުގެ ބަޔަކު ހިންމަފުށީ ކައިރީގައި އޮތް ފިނޮޅަކަށް އަރައި ގެއްލުން ދީފައި ވަނީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެ ރިސޯޓް ހިންގާ ކުންފުނި ޖޫރިމަނާ ކުރި މައްސަލާގައި އެންވެރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެ ރިސޯޓްގެ މުވައްޒަފުން އެެ ފިނޮޅަށް އަރައި އެ ފިނޮޅުގެ ހުރަހަށް ފެން ދައުރުވާ ގޮތަށް ފަސްގަނޑު ކޮނެ، އެ ފިނޮޅުގެ ވެލިގަނޑު ގިރައިގެން ދާނެ ގޮތަށް ކޯރު ކަނޑާފައިވާކަން އެ އެޖެންސީން ފުލުހުން މެދުވެރިކޮށް ބެލި ބެލުމުން ޔަގީން ކުރެވިފައިވާ ކަމަށެވެ.

އަދި އެ ފިނޮޅުގެ ތިން ސަރަހައްދަކުން ކޯރު ކަނޑާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމުގެ ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާގެ ޖުމްލަ އަދަދު ކަމަށްވާ 5،62،980.00 ރުފިޔާ 30 ދުވަހުގެ ތެރޭގައި ދައްކަން އެ ރިސޯޓް އޮޕަރޭޓް ކުރަމުންދާ ކުންފުންޏަށް އަންގާފައިވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ރިސޯޓުގެ މުވައްޒަފުން ގެއްލުންދިން އެ ފިނޮޅަކީ ގިލިލަންކަންފުއްޓާއި ހިންމަފުއްޓާ ދެމެދުގައި އޮންނަ ކުޑަ ފިނޮޅެކެވެ. ހިންމަފުށި މީހުންނާއި އެ ރަށަށް ޒިޔާރަތް ކުރާ މީހުން ވެސް އާންމުކޮށް އެ ފިނޮޅަށް ދަތުރު ގޮސް ހަދާ ކަމަށްވެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި، ގިލިލަންކަންފުށި ރިސޯޓުން ހިތްހަމަނުޖެހުނީ އެ ތަނަށް ރަށުން މީހުން ދަތުރު ގޮސް ހަދާތީ ރިސޯޓަށް ޗުއްޓީ ހޭދަ ކުރަން އަންނަ ފަތުރުވެރިންނަށް އުނދަގުލާ ކުރިމަތިވާ ކަމަށް ބުނެއެވެ.

އެ ރިސޯޓުގައި މަސައްކަތް ކުރާ ބަޔަކު ފިނޮޅަށް އަރައި ގެއްލުން ދިނީ ފަކީރާ ފަދަ ތަކެތި ހިފައިގެން ކަމަށްވެއެވެ.

މި މައްސަލާގައި އެ ރިސޯޓުން ވަނީ އެ މަސައްކަތުގައި އުޅުނު އެ ރިސޯޓުގެ އެއިރުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް މަގާމުން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މއކ

    އެންމެ ފަސްލައްކަ!!! 5 މިލިޔަން ޑޮލަރުން ކުރަންވީ

    4
    1
  2. އެންމެ

    މި ބޮޑު ޖަރިމާ އަށް އެންމެ 5 ލައްކަ ރުފިޔާތަ؟

    4
    1
  3. އީޕީއޭ

    15ލައްކަ އަސްލު. ބާކީ ބައި މޭޒު ދަށުން